އޮކްޓޫބަރު 2025 ގައި އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ވެސް އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ (ޖެނޮސައިޑް) އަމަލުތައް ހިންގަމުންދާ ކަމަށް، އދ.ގެ މެންޑޭޓް އޮންނަ އިންކުއަރީ ކޮމިޝަނަކުން ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
އދ.ގެ އިންޑިޕެންޑެންޓް އިންޓަނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީ އޮން ދި އޮކިއުޕައިޑް ޕަލަސްޓީނިއަން ޓެރިޓަރީ، އިންކްލޫޑިންގ އީސްޓް ޖެރޫސަލަމް އެންޑް އިސްރާއީލުން ބުނެފައިވަނީ، ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެއްކޮށް ނުވަތަ ބައެއް ނައްތާލުމުގެ މަގުސަދުގައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހިންގާ އަމަލުތައް ހުއްޓުމެއް ނެތި ކުރިއަށްގެންދާ ކަމަށެވެ. އޮކްޓޫބަރު 2023 އިން ސެޕްޓެންބަރު 2026 ގެ ނިޔަލަށް ފަލަސްތީނުގެ ކުޑަކުދިންނާ ދެކޮޅަށް ހިންގާފައިވާ ކަމަށް ބުނާ އުސޫލާ ޚިލާފު ކަންކަން ދިރާސާކުރުމަށްފަހު އެ ކޮމިޝަނުން ފާހަގަކޮށްފައިވަނީ، މީހުން ގިނައިން ދިރިއުޅޭ ސަރަހައްދުތަކަށް އަސްކަރީ ހަމަލާތައް ދެމުންދާތީ، އެ ސަރަހައްދުގެ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ މުއްދަތުގެ ތެރޭގައި ވެސް އިސްރާއީލު ސިފައިން ބާރުގަދަ ގޮވާތަކެއްޗާއި، ޑްރޯން، ބޮޑުބަޑި އަދި ސްނައިޕަރުން މެދުވެރިކޮށް ހަމަލާދެމުންދާ ކަމަށް އެ ރިޕޯޓުގައި ވެއެވެ. އަދި އޮކްޓޫބަރު 2025 ގައި އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން، އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 196 މީހުން ޝަހީދުވެފައިވާ ކަމަށް އެ ކޮމިޝަނުގެ ހޯދުންތަކުން ދައްކައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
މީގެއިތުރުން، އެ މުއްދަތުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ ކޮންޓްރޯލް އޮތް ސަރަހައްދު ގާތްގަނޑަކަށް 53 އިންސައްތައިން މަދުވެގެން 60 އިންސައްތައަށް ފުޅާކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ސަބަބުން އަސްކަރިއްޔާއިން ކަނޑައަޅާފައިވާ “ޔެލޯ ލައިން” ސަރަހައްދުގައި ފަލަސްތީނުގެ އާންމުންނަށް ލިބެންހުރި ބިން ވަނީ ވަރަށް ބޮޑަށް ހަނިވެގެން ގޮސްފައެވެ. އަދި ހިފާފައިވާ ހުޅަނގު އައްސޭރީގައި ބަންދުކޮށްފައި ތިބި ފަލަސްތީނު މީހުންނަށް އަނިޔާކުރުމާއި ޖިންސީ ގޯނާކުރުން ފަދަ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް އިސްރާއީލު ސިފައިންނާއި ޖަލު ބަލަހައްޓާ ފަރާތްތަކުން ހިންގާފައިވާ ކަމަށް ވެސް ކޮމިޝަނުން ތުހުމަތުކުރެއެވެ.
އިސްރާއީލުން ވަނީ މި ހޯދުންތައް ދޮގުކޮށްފައެވެ. އިސްރާއީލުން ބުނެފައިވަނީ މިއީ އެ ގައުމުގެ ސައްހަކަމާއި އަމިއްލަ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު ނިގުޅައިގަތުމަށް ހިންގާ ދޮގު މައުލޫމާތު ފެތުރުމުގެ ކެމްޕޭނެއްގެ ބައެއް ކަމަށެވެ. އަދި ނަސްލުހޭދުކުރުމުގެ ހުރިހާ ތުހުމަތުތަކަކަށް އިސްރާއީލުން ވަނީ އިންކާރުކޮށްފައެވެ. އެ ރިޕޯޓުގައި ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ ބަޔާންކޮށްފައިވާ ގޮތުގައި، އޮކްޓޫބަރު 2023 ގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ފަލަސްތީނުގެ 74،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.



