މޮރޮކޯއަށް ބާރުގަދަ ބިންހެލުމަށް ހަފްތާއެއް ވެފައިވާއިރު، މީގެ އަސަރު ތިން ލައްކައަށްވުރެ ގިނަ މީހުންނަށް ވަނީ ކޮށްފައެވެ. މިއީ މި ފަހުގެ ތާރީހެއްގައި މޮރޮކޯއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާ އެެވެ.
މޮރޮކޯގެ ހައި އެޓްލާސް ފަރުބަދަތަކުގެ މަތީގައި އޮންނަ މަރަކޭޝް އާއި 70 ކިލޯމީޓަރު ދުރުން އައި މި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާތަނަށް ވަނީ 2،800އަށް އަރާފައެވެ. މި ބިންހެލުމުގެ ސަބަބުން އެޓްލާސް ފަރުބަދަ ވަނީ އެއްކޮށް ސުންނާފަތިވެފަ އެވެ.
މި ބިންހެލުން އައިސްފައިވަނީ މެގްނިޓިއުޑުން 6.8ގެ ބާރުމިނުގަ އެވެ.
މީގެ ސަބަބުން ގިނަ އާޢިލާތަކެއް ވަނީ ހާލުގަ ޖެހިފަ އެވެ. ގިނަ މީހުން އަތުގައި ލައިގެން ހުރި ހެދުން ފިޔަވާ އެކައްޗެއްވެސް ނެތެވެ. އަދި އެމީހުން ތިބީ ސާފު ފެނާއި ކާބޯތަކެއްޗަށ ބޯހިޔާވަހިކަމަކަށް އިންތިހާޔަށް ބޭނުން ޖެހިފައެވެ. އަދި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުން ނަގަމުންދާ މަރުވެފައިވާ މީހުންގެ ހަށިތައް ފެނި އެންމެނަށްވެސް ތިބީ ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.
މި ކާރިސާގައި އަނިޔާ ލިބުނު މީހުންތަކުން އެ ޤައުމުގެ ހޮސްޕިޓަލްތައް ވަނީ ފުރިފަ އެވެ. އަދިވެސް އިމާރާތްތަކުން މީހުން ހޯދަމުން ދާއިރު ކުރިއަށްއޮތް ދުވަސްތަކުގައި މަރުވި މީހުންގެ އަދަދު އިތުރުވާނެކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފަ އެވެ.
ހާލުގައި ޖެހުނު މީހުންނަށް ރެޑް ކްރޮސް އާއި އަދވެސް އަވަށްޓެރި ޤައުމުތަކުގެ އެހީގައި ދަނީ އިންސާނީ އެހީ ފޯރުކޮށްދެމުންނެވެ. އެހެންނަމަވެސް އެޓްލާސް ފަރުބަދަ ސުންނާފަތިވެފައި ވުމުގެ ސަބަބުން މަރަކޭޝްއަށް އެހީ ފޯރުވުމަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ.



