ފިނި މޫސުން ނިމުމާއެކު ސައުތު އެމެރިކާގެ ހޫނުމިން މި ދުވަސްވަރު ދަނީ އާދަޔާ ހިލާފަށް މަތިވަމުންނެވެ.
މިހާރު 40 ޑިގްރީގައި އެ ބައްރުގެ ފިނި ހޫނުމިން ހުރިއިރު، ކުރިއަށް އޮތް އެއް ހަފްތާއަށްވެސް ހޫނުމިން ދަށްނުވާނޭކަމަށް މޫސުމާ ބެހޭ މާހިރުން ވަނީ ބުނެފަ އެވެ.
ސައުތު އެމެރިކާ ބައްރުގައި ހިމެނޭ ޕެރޫ، ބޮލީވިއާ،އާރޖެންޓީނާ، ޕެރެގުއޭ އަދި ބްރެޒިލްއަށްވެސް މީގެ އަސަރުދަނީ ކުރަމުންނެވެ. އެގޮތުން މި ނިމޭ ސެޕްޓެމްބަރު މަހު މި ޤައުމުތަކުގެ ހޫނުމިން ވަނީ ރެކޯޑަކަށް އަރާފަ އެވެ.
ބްރެޒިލްގެ 11 ސްޓޭޓެއްގައި މި ދުވަސްވަރު ހޫނުމިން ހުރީ 40 ޑިގްރީގަ އެވެ. އަދި 1943 އިން ފެށިގެން ހޫނުމިން މަތިނުވާ ސޯ ޕައުލޯގެ ހޫނުމިންވެސް މި ސެޕްޓެމްބަރު މަހު ވަނީ 36.5އަށް އަރާފަ އެވެ.
ހޫނުމިން ދަށްނުވެ މިގޮތަށް އޮންނަ ނަމަ ވައިލްޑް ފަޔަރ ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ޑިޒާސްޓާރ ސެންޓަރުތަކުން އިންޒާރުދެއެވެ.
މީގެކުރިންވެސް ބްރެޒިލްފަދަ ޤައުމުތައް ވަނީ މިފަދަ ވައިލްޑް ފަޔަރ ކާރިސާތަކާއި ކުރިމަތިލާން ޖެހިފައެވެ.



