އިރާގުގެ ގަރަގޯޝީގައި އޮތް ކައިވެނި ހަފްލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 94 މީހުން މަރުވެއްޖެ އެވެ.
މި ހިތާމަވެރި ހާދިސާގެ ވީޑިޔޯތައް މިހާރު ދަނީ މީސް މީޑިޔާގައި ވައިރަލްވަމުންނެވެ.
ވީޑިޔޯއިން ފެންނަ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހަފްލާ ކުރިއަށް ދިޔަ ބަންދު ހޯލުގެ ތެރޭގައި އަލަތު ކައިވެނި ކުރި ދެމަފިރިން ނަށަން ތައްޔާރުވި ވަގުތު އެރުވި ހަވާގެ ސަބަބުންނެވެ. މި ހަވާއިން ބުރައިގެން ދިޔަ އަލިފާންކަނިތައް މަތީގައި އެލުވާފައި ހުރި ފޮތިތަކުގައި ޖެހި ވަނީ ގަދަޔަށް އަލިފާން ރޯވެފަ އެވެ. އަދި ފޮތިތައް ވިރިގެން ތިރިޔަށް ފައިބާތަން ވެސް މި ވީޑިޔޯގައި ފެނެއެވެ.
1000 މީހުން ބައިވެރިވި މި ކައިވެނި ހަފްލާގައި އަލިފާން ރޯވެގެން މަރުވި މީހުންގެ ތެރޭގައި ދެ ފަރާތުގެ އާއިލާ މެމްބަރުން ވެސް ހިމެނެ އެވެ. މި ހާދިސާގައި އަލަތު ކައިވެނިކުރި ދެމަފިރިންނަށް އެއްވެސް އަނިޔާއެއް ނުވެއެވެ.
ފުލުހުންވަނީ މިކަމާއި ގުޅިގެން ހަފްލާ ކުރިއަށް ދިޔަ ހޮޓެލްގެ 10 މުވައްޒަފަކު ހައްޔަރު ކޮށްފަ އެވެ.



