ފަލަސްތީނުގެ މުސްލިމުންނަށް ދަތި ކުރުމުގެ ގޮތުން އިސްރާއީލުގެ ޔަހޫދީން ވަނީ އިއްޔެގެ ވަގުތެއްގައި ފެން ކަނޑާލާފައެވެ. ނަމަވެސް ފެން ކަނޑާލިތީ މާގިނައިރެއް ނުވަނީސް ވަނީ ވާރޭވެހެން ފަށާފައެވެ.
މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ދިރިއުޅޭ މުސްލިމުން ބިކަ ހާލުގައި ޖެއްސުމަށް ޔަހޫދީ އިސްރާޢީލުން ޚާއްޞަ އޮޕަރޭޝަނެއް ވަނީ ފަށައިފައެވެ. މި އޮޕަރޭޝަންގެ ދަށުން ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ސާމާނު އެތެރެކުރުމަށްވެސް އިސްރާއީލުން ދަނީ ހުރަސް އަޅަމުންނެވެ.
އިސްރާޢީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޣައްޒާއަށް ކާބޯތަކެތި އެތެރެކުރާ މަގުތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި، ޣައްޒާގެ ރައްޔިތުން ބުއިމަށް ސާފު ބޯފެން ދޫކުރުން ވެސް ވަނީ ހުއްޓައިލާފައެވެ. މީގެ އިތުރުން، ޣައްޒާއަށް ތެޔޮ އެތެރެ ކުރުމަށްވެސް ނަތަންޔާހޫ ވަނީ ހުރަސް އަޅާފައެވެ. ތެޔޮ ހުސްވުމާ އެކު، ޣައްޒާއިން ކަރަންޓުގެ ޚިދުމަތް ކެނޑި، އެ ސަހަރު ކަނު އަނދިރީގެ ތެރެއަށް ވެއްޓޭނެއެވެ.
އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު 687 އަށް އަރައެވެ. އަދި، ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު 3،200 އަށްވުރެ އިތުރެވެ. ޔަހޫދީންގެ ހަމަލަތަކުގައި ގެދޮރު ހަލާކުވެ، މަގުމަތިވެފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 150،000 އަށް އިތުރުވެފައެވެ.



