ޔަހޫދީ އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލަކަށް ވައިގެ މަގުން ދިން ހަމަލާއެއްގައި 500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ. މިއީ މިހާތަނަށް އިސްރާއިލުން ޣައްޒާއަށް ދިން އެންމެ ވަރުގަދަ އެއް ހަމަލާކަމަށް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާގެ އޮފިޝަލެއް ވިދާޅުވީ އިސްރާއީލުން ހަމަލާ ދީފައިވާ ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލުގައި ޔަހޫދީންގެ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ އެތައްހާސް ރައްޔިތުން ވަގުތީ ހިޔާވަހިކަމުގައި އެތަނުގައި ތިބިކަމަށެވެ. މި ޙަމަލާގައި 500އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އެތައް ހާސް ބަޔަކު ޒަޚަމްވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަމަލާގެ ސަބަބުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި އެތައް ސަތޭކަ ބަޔަކު ތިބި ކަމަށް ބެލެވޭކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި ޝަހީދުވި މީހުންގެ ސީދާ އަދަދު ނޭނގޭކަމަށްވެސް ހާމަކުރެއްވިއެވެ.
ޔަހޫދީ ޢައްޒާގެ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 3,000 އަށް އަރާފައެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. ޝަހީދުންގެ ޢަދަދު އިންތިހާއަށް އިތުރުވެ، އެ މީހުންގެ ހަށިތައް އަޅާނެ ބޮޑީ ބޭގް ވެސް ވަނީ ހުސްވެފައެވެ. އަދި، ބައެއް މީހުންގެ ހަށިތައް ވަގުތީ ގޮތުން އައިސްކްރީމް އުފުލާ ލޮރީ ފަދަ އުޅަނދުފަހަރުގައި ބަހައްޓާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.



