- Advertisement -ad image

ފިލިޕީންސަށް އައި ބިންހެލުމާ ގުޅިގެން ޖަޕާނަށް 40 ސެންޓިމީޓަރުގެ ސުނާމީ ރާޅުތަކެއް އަރައިފި: އެޖެންސީ

ad image

ގުޅުންހުރި ލިޔުންތައް

ފިލިޕީންސަށް އައި ބޮޑު ބިންހެލުމާ ގުޅިގެން ޓޯކިޔޯގެ ދެކުނުން ގާތްގަނޑަކަށް 290 ކިލޯމީޓަރު (180 މޭލު) ދުރުގައި އޮންނަ ޖަޕާނުގެ ހަޗީޖޯޖިމާ އައިލެންޑަށް 40 ސެންޓިމީޓަރު (1.3 ފޫޓު) ގެ ސުނާމީ ރާޅުތަކެއް އަރާފައިވާ ކަމަށް ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނެފި އެވެ.
މީގެ ކުރިން އެ އެޖެންސީން ވަނީ އުސްމިނުގައި އެއް މީޓަރު (ތިން ފޫޓު) ހުރި ރާޅުތަކެއް އަރާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ފިލިޕީންސްގެ ދެކުނުގެ މިންޑަނާއޯއަށް 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން އެ ގައުމުގެ ބައެއް ސަރަހައްދުތަކަށާއި ޖަޕާނުގެ ހުޅަނގު ދެކުނު އައްސޭރިފަށަށް މީހުން ހުސްކުރަން ވަނީ އަންގައިފަ އެވެ.
ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޮލްކަނޮލޮޖީ އެންޑް ސިސްމޮލޮޖީ (ފިވޮލްކްސް) އިން ވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އެތައް ގަޑިއިރެއް ވަންދެން ފިލިޕީންސަށް ރާޅު އަރާފާނެ ކަމަށް އިންޒާރުދީފަ އެވެ.
އެމެރިކާގެ ސުނާމީ އިންޒާރުދޭ ނިޒާމުން އެންމެ ފުރަތަމަ ބުނެފައި ވަނީ ފިލިޕީންސްގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް އާންމުކޮށް އުދައަރާ މިންވަރަށް ވުރެ ހިލާފަށް ތިން މީޓަރު (10 ފޫޓު) ގެ ރާޅުތަކެއް އަރާފާނެ ކަމަށެވެ. އޭގެ ފަހުން ވަނީ ސުނާމީގެ ނުރައްކަލެއް ނެތް ކަމަށް ބުނެފަ އެވެ.
“ލިބެން ހުރި ހުރިހާ ޑޭޓާއެއްގެ މައްޗަށް ބިނާކޮށް… މި ބިންހެލުމުގެ ސަބަބުން ސުނާމީގެ ނުރައްކާ މިހާރު ވަނީ ފާއިތުވެފަ،” އެ ބަޔާނުގައި ވެ އެވެ.
ފިވޮލްސް އިން ބުނީ ބިންހެލުމުގެ ސަބަބުން މާ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި ނަމަވެސް އާފްޓާޝޮކްތައް އަންނާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.
އެހެންނަމަވެސް، ޔޫރަޕިއަން-މެޑިޓެރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރު (އީއެމްއެސްސީ) އިން ބުނި ގޮތުގައި އެ ސަރަހައްދަށް ވަރަށް އަވަހަށް ބިންހެލުމެއް އައިސްފައިވާއިރު، މިއީ 6.4 މެގްނިޓިއުޑްގެ އެންމެ ބޮޑު ބިންހެލުމެވެ.
ބިންހެލުން އައި ސަރަހައްދު ކައިރީގައި އޮންނަ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ހިނަޓުއާންގެ ލޯކަލް ޕޮލިސް ޗީފް ރޭމާކް ޖެންޓަލަން ވިދާޅުވީ ބިންހެލުން އައި ފަހުން ކަރަންޓު ކެނޑިފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ގޮނޑުދޮށުގެ ސަރަހައްދުތަކުން މީހުން ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގާތްގަނޑަކަށް 44.000 މީހުންގެ އާބާދީއެއް އޮންނަ ހިނަޓުއާންގެ ލޯކަލް އެޑްމިނިސްޓްރޭޝަނުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ރައްޔިތުންނާއި ވެހިކަލްތަކުގެ ކިޔޫތައް ރައްކާތެރި ސަރަހައްދުތަކާއި ދިމާލަށް ދަތުރުކުރެ އެވެ.
ޕެސިފިކް ކަނޑުގެ ވަށައިގެން ވާ ގިނިހިލަތަކުގެ ބެލްޓެއް ކަމަށްވާ “ރިންގް އޮފް ފަޔާ” ގައި އޮންނަ ފިލިޕީންސްއަށް ބިންހެލުން އައުމަކީ އާންމު ކަމެކެވެ.
އީއެމްއެސްސީން ބުނީ 7.5 މެގްނިޓިއުޑްގެ މި ބިންހެލުންއައިސްފައިވަނީ 63 ކިލޯމީޓަރު (39 މޭލު) އަޑިން ކަމަށެވެ. އެމެރިކާގެ ޖިއޮގްރަފިކް ސާވޭއިން ބުނީ ބިންހެލުން އައިސްފައިވަނީ 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށެވެ.
އަދި 32 ކިލޯމީޓަރު އަޑިން ވެސް ބިންހެލުމެއް އައިސްފައިވާ ކަމަށާއި، މި ބިންހެލުން އައިސްފައިވަނީ ރޭ 10:37 ހާއިރު ކަމަށް ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ