ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ތުލްކަރްމްގައި އިސްރާއީލުން ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ވާފާ އިން ބުނެފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީދުވި މީހުންގެ ތެރެއިން ދެ މީހަކުޝަހީދުކޮށްލާފައިވަނީ އެ ސިޓީގެ ނޫރް ޝަމްސް ރެފިއުޖީ ކޭމްޕްގައި އުޅެނިކޮށް އެމީހުންނަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގަ އެވެ. އެ ހަމަލާގައި އިތުރު އެތައް ބަޔަކު ޒަހަމްވި އެވެ.
އިޒްރޭލު ސިފައިން ވަނީ ޑިޓެންޝަން ކެމްޕެއިނެއް ފަށައި، އެތަނުގެ އިންފްރާސްޓްރަކްޗާތައް ތަޅާލަން ފަށާފަ އެވެ. އަދި ކޭމްޕަކީ ބަންދުކޮށްފައިވާ އަސްކަރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، ސިފައިން އެ ސިޓީއަށާއި ރެފިއުޖީ ކޭމްޕަށް އެކި ދިމާލުން ވަދެފަ ވަނީ ވަދެގަނެފަ އެވެ.
މި ހަމަލާގައި މަރުވި ފަސް މީހުންނަކީ އުމުރުން 25 އަހަރުގެ ޖިހާދު އާރްނޭހް، މަހްމޫދު ސަމީރު ޖާބެރު، 22، އާއި ޣައިތު ޔާސިރު ޝަހާދާ، 25، އާއި ވަލީދު އާސާދު ޒަހްރާ، 22، އަދި އާސާދު އަސްދު ޒަހްރާ، 33، އެވެ.
މީގެ އިތުރުން، ކޭމްޕުގެ ތެރޭގައި ހިމެނޭ ގިނަ ތަންތަނަށް އަމާޒުކޮށް އިސްރާއީލުން ދިން ޑްރޯން ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ބަޔަކު ޒަޚަމްވި އިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް އެވެ.
ފަލަސްތީނު ރެޑް ކްރެސެންޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްއިން އެ ނޫރު ޝަމްސް ކޭމްޕްގައި ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ މީހަކާ ހަމައަށް ދިއުމަށް އިމަޖެންސީ މެޑިކަލް ޓީމުތައް ވަންނަން އުޅުމުން އިޒްރޭލު ސިފައިން ހުރަސް ވަނީ ހުރަސް އަޅާފަ އެވެ.
މީގެ އިތުރުން އެމްބިއުލާންސްގެ ތެރެއިން ވޮލަންޓިއާ ޕެރަމެޑިކެއް އިޒްރޭލު ސިފައިން ހިފަހައްޓާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވަފާއިން ބުނި ގޮތުގައި އިޒްރޭލުގެ ޑްރޯންތައް ވެސް ވަނީ ނޫރު ޝަމްސް ކޭމްޕްގެ މަންޝިޔާ އަވަށުގެ ތަންތަނަށް އަމާޒުކޮށްފަ އެވެ.
މީގެ ކުރިން ހޮނިހިރު ދުވަހުގެ ރޭ އިސްރާއީލު ސިފައިން ވަނީ ތުލްކަރްމަށް ވަދެ އެ ސިޓީގެ އިރުމަތީގައި އޮންނަ ނޫރު ޝަމްސް ކޭމްޕް ހަރުކަށިކޮށް ވަށާލާފައެވެ.
ނަބްލުސް މަގާއި ކޭމްޕް ކައިރީގައި އޮންނަ އިކާޓާބާ އަވަށަށް ވަންނަ ދޮރުމަތީގައި އަސްކަރީ ވެހިކަލްތަކާއި ބުލްޑޯޒަރުން ވަނީ ހަރަކާތްތެރިވެފައެވެ. މި ހަމަލާގެ ތެރޭގައި އެކި އަވަށްތަކުގައި ވަރުގަދަ ބަޑީގެ ހަމަލާތަކާއި ބޮން ގޮއްވާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާ ދިން ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރުން ބަންދުކޮށް، އިސްރާއީލުގެ ސްނައިޕަރުން ވަނީ ބައެއް އިމާރާތްތަކުގެ ފުރާޅުތަކުގައި ހަރަކާތްތެރި ވެފައެވެ.



