އިޒްރޭލުން ދުވާލާއި ރޭގަނޑު މެދުކެނޑުމެއް ނެތި ހަމަލާދެމުންދާ ޣައްޒާއަށް ސާފު ފެން ނުލިބުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެތައް ކުދިންނެއް މަރުވާނެކަމަށް އދ.ގެ ކުޑަކުދިންގެ އެޖެންސީގެ އެގްޒެކެޓިވް ޑިރެކްޓަރ ކެތަރިން ރަސެލް ވިދާޅުވެއްޖެ އެވެ.
ރަސެލް ވިދާޅުވީ ޣައްޒާގެ ދެކުނުގައި ގެދޮރު ގެއްލިފައިވާ ކުދިންނަށް ފެން ލިބެނީ ދިރިހުރުމުގެ އަސާސީ ބޭނުންތަކަށް ވާވަރަށް ވުރެ މަދުން ކަމަށެވެ. މީގެ ސަބަބުން ރައްކާތެރި ފެން ނުލިބި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެތައް ކުދިންނެއް ނިކަމެތިކަމާއި ބަލީގައި މަރުވާނެ ކަމަށް ރަސެލް ވަނީ ވިދާޅުވެފަ އެވެ.
މިހާރު ޣައްޒާގެ ކުޑަކުދިންނާއި އެކުދިންގެ ޢާއިލާތަކުން ފެން ބޭނުންކުރަން ޖެހެނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާ ނުރައްކާތެރި ވަސީލަތްތަކުންނެވެ.
ރަސެލް ވިދާޅުވީ ޑިސެމްބަރު މަސް ފެށުނީއްސުރެ އެތައް ލައްކަ ބަޔަކު ފިލައިގެން ގޮސްފައިވާ ރަފާގައި ފެނާއި ނަރުދަމާގެ ހާލަތު ވަރަށް ނާޒުކު ހާލަތެއްގައި އޮތް ކަމަށެވެ.
ފެނުގެ ދަތިކަމުގެ ސަބަބުން މިހާރުވެސް ފަސް އަހަރުން ދަށުގެ ކުދިންގެ މެދުގައި ބޭރަށް ހިންގުން ޖެހޭ އަދަދު 20 ގުނަ އިތުރުވެފައިވާ ކަމަށެވެ.



