އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ހޯމަ ދުވަހުގެ އިރުއެރިއިރު ފިނިހޫނުމިން ހުރީ 4 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގަ އެވެ. ދުންފިނީގެ ދުރުފެންނަ ވަރަށް ވެސް އަސަރުކޮށް ގިނަ ފްލައިޓްތަކާއި ރޭލު ދަތުރުތައް ކެންސަލް ކުރަން ޖެހުނެވެ.
ދިއްލީގައި ފިނި މޫސުމުގެ ތެރޭގައި ބަލާ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ވެސް މިދިޔަ އާދީއްތަ ދުވަހު ވަނީ “އެންމެ ހާލަތު ގޯސް” ކެޓަގަރީއަށް ވެއްޓިފަ އެވެ.
އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ ކުރިއަށް އޮތް ދެ ދުވަހު ވެސް އެ ޤައުމުގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އާދީއްތަ ދުވަހު ފިނިހޫނުމިން ވަނީ 3.5 ޑިގްރީ ސެލްސިއަސްއަށް ދަށަށް ގޮސްފައެވެ.
ފިނި މޫސުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ފިނި މޫސުމުން ސަލާމަތްވުމަށް ސަރުކާރުން ހިންގާ ޝެލްޓާ ހޯމްތަކުގައި ހިޔާވަހިކަން ހޯދަން ވެސް ޖެހިފަ އެވެ. ދިއްލީގައި ހުންނަ ނައިޓް ޝެލްޓާތަކުން މަގުމަތީގައި އުޅޭ ގެދޮރު ނެތް މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދެ އެވެ. މި ހިޔާތަކުގައި ބޯހިޔާވަހިކަމަށް އެދޭ މީހުންނަށް ބްލެންކެޓާއި އެނދާއި ހޫނު ފެނާއި ކާބޯތަކެތި ލިބެއެވެ.
ދިއްލީ އެއާޕޯޓުން ވަނީ ދަތުރުކުރުމުގެ ކުރިން އެއާލައިންތަކަށް ގުޅުމަށް އެދި ފަސިންޖަރުންނަށް އެޑްވައިޒަރީއެއް ނެރެފަ އެވެ. އަދި އާދީއްތަ ދުވަހު ބައިނަލްއަގްވާމީ ދެ ފްލައިޓާއެކު 10 ފްލައިޓެއް ޑައިވާޓްކޮށް، ގާތްގަނޑަކަށް 100 އެއްހާ ފްލައިޓް ޑިލޭވި އެވެ.



