- Advertisement -ad image

ޒިމްބާބްވޭގައި 160 އަށްވުރެ ގިނަ އެތް މަރުވެ، އިތުރު އެތްތައް ނުރައްކަލަށް!

ad image

ގުޅުންހުރި ލިޔުންތައް

ޒިމްބާބްވޭއަށް ކުރިމަތިވި ހިރަފުހުގެ ސަބަބުން 160 އެއްހާ އެތް މަރުވެފައިވާއިރު، ހޫނު މޫސުން ދެމިއޮންނާނެ ކަމަށް ބެލެވޭތީ، އިތުރު އެތްތައް މަރުވާނެ ކަމުގެ ބިރުހީވެ ތިމާވެއްޓާއި ޖަނަވާރުން ހިމާޔަތްކުރާ ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަން ފަށައިފި އެވެ.

މި އެތްތައް މަރުވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 14،651 އަކަ ކިލޯމީޓަރުގެ ހަވަންގޭ ނެޝަނަލް ޕާކުގަ އެވެ. މި ޕާކުގައި އެތުގެ އިތުރުން ބަކަރި، ސިންގާ، ޗީތާ، ޒަރާފާ އަދި އެހެނިހެން ބާވަތްތައް ދިދިރިއުޅެއެވެ. 

ޒިމްބާބްވޭ ޕާކްސް އެންޑް ވައިލްޑްލައިފް މެނޭޖްމަންޓް އޮތޯރިޓީ (ޒިމްޕާކްސް) އިން ވަނީ ޕާކުގައި ތިބި އެތްތައް މަރުވިކަން ކަށަވަރުކޮށްދީ، އެ އެ އެއްޗެހި މަރުވެފައި ވަނީ ހިރަފުހުގެ ސަބަބުން ކަމަށް ބުނެފަ އެވެ.

ދެކުނު އެފްރިކާގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ހޫނު މޫސުމުގެ ދުވަސްތައްދަނީ ދިގުލަމުންނެވެ. 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ހަވަންގޭ ޕާކަށް ވާރޭ ވެހިފައި ނުވާ ކަމަށް ހަވަންގޭގެ ތެރޭގައި ހުންނަ ބޭޖަނޭ ޓްރަސްޓް ކޮންޒަވޭޝަން ގްރޫޕްގެ ކޯ ފައުންޑަރ އަދި ހެޑް ޓްރެވާ ލޭން ވިދާޅުވި އެވެ.

“ނިއުޓްރިޝަން ދަށްވެ، ހޫނުމިން ވަރަށް މަތިވެ، ފެނުގެ ދަތިކަން ކުރިމަތިވި. މިކަމުގެ ސަބަބުން ވަރަށް ބޮޑު ސްޓްރެސްއެއް އުފެދުނު. މި އަހަރު އަނެއްކާވެސް އެކަން ވެދާނެ ކަމަށް ލަފާކުރެވޭ.” ލޭން ވިދާޅުވި އެވެ.

އަދި 2023 ވަނަ އަހަރު ނިމުނުއިރު ޒިމްބާބްވޭއަށް އެހެން އަހަރުތަކާއި އަޅާބަލާއިރު، 50 އިންސައްތައަށްވުރެ މަދުން ވާރޭ ވެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ޒިމްބާބްވޭގައި މީގެ ކުރިން ވެސް ހިރަފުހުގެ ސަބަބުން ގިނަ އަދަދެއްގެ އެތް މަރުވެފައި ވެއެވެ. އެގޮތުން 2019 ވަނަ އަހަރު ކުރިމަތިވި ފެނުގެ ދަތިކަމުގެ ސަބަބުން ދެ މަސް ދުވަހުގެ ތެރޭގައި 200 އަށް ވުރެ ގިނަ އެތް ވަނީ މަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ