އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގެ ހަނގުރާމަ ކުރިއަށްދާއިރު، ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ އަށް ދުވަސް ކުރިން ރަމަޟާން މަސް “ފޮހެލަން” އިސްރާއީލުގެ ހަރުކަށި ފިކުރުގެ ވަޒީރަކު ގޮވާލައިފިއެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ރޭޑިއޯއަށް ހުކުރު ދުވަހު ދިން އިންޓަވިއުއެއްގައި އެގައުމުގެ ހެރިޓޭޖް މިނިސްޓަރު އަމީހައި އެލިޔާހޫ ވެސް ވަނީ ހަލާކުވެފައިވާ ޣައްޒާގެ ސުންނާފަތިކޮށްލާފައިވާ ސަރަހައްދާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި މި ބަރަކާތްތެރި މައްސަރުގައި އުފެދިދާނެ ނުތަނަވަސްކަމަށް އަޅާނުލާ ދޫކޮށްލަންޖެހޭ ކަމަށް ބުނެފައެވެ.
“ނަމަކަށް އޮންނަ ރަމަޟާން މަސް ފޮހެލަން ޖެހޭ، މި މައްސަރަށް އޮތް ބިރުވެސް ފޮހެލަން ޖެހޭ،” އޭނާ ބުނެފައިވެއެވެ.
އެލިޔާހޫ އަކީ ހަރުކަށި ފިކުރުގެ، ހަރުކަށި ފިކުރުގެ އޮޓްޒްމާ ޔެހުދިތު (ޔަހޫދީ ބާރު) ޕާޓީއަށް ނިސްބަތްވާ ވަޒީރެކެވެ. އެ ޕާޓީގެ އެންމެ އިސްވެރިޔަކީ ޣައްޒާއިން ފަލަސްތީނު މީހުން ބޭރުކުރުމަށާއި އެ ސަރަހައްދުގައި ގަވައިދާ ހިލާފަށް އިސްރާއީލުގެ އާބާދީތައް ބިނާކުރުމަށާއި ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިން ބަޑިޖެހުމަށް ގޮވާލާ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރް ބެން-ގްވީރު އެވެ.
2022 ވަނަ އަހަރުން ފެށިގެން ހެރިޓޭޖް މިނިސްޓަރުކަން ކުރަމުންދާ އެލިޔާހޫ ވެސް ވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ ކެމްޕެއިންގެ ތެރޭގައި އެފަދަ ހަރުކަށި ވާހަކަތަކެއް ދައްކާފައެވެ. މިދިޔަ ނޮވެމްބަރު މަހު ހަރުކަށި ފިކުރުގެ ސިޔާސީ މީހަކު ވަނީ “ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަކީ އިސްރާއީލުގެ އަސްކަރިއްޔާއަށް އޮތް ގޮތެއް” ކަމަށް ބުނެ، ޣައްޒާއަށް “ދިރިހުރުމުގެ އެއްވެސް ހައްގެއް ނޯންނާނެ” ކަމަށް ބުނެފައެވެ.