އިންޑޮނީޝިއާގެ ރުއާންގް ފަރުބަދަ ގޮވުމާއި ގުޅިގެން އިންޑޮނީޝިއާގެ ކަމާބެހޭ ފަރާތްތަކުން ސުނާމީ އެލާޓް ނެރެފި އެވެ. އޮފިޝަލުން ވަނީ 11،000 އަށް ވުރެ ގިނަ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފަ އެވެ.
އިންޑޮނީޝިއާގެ ސެންޓާ ފޯ ވޮލްކަނޮލޮޖީ އެންޑް ޖިއޮލޮޖިކަލް ޑިޒާސްޓާ މިޓިގޭޝަން އިން ބުނީ ސުލަވެސީ އައިލެންޑްގެ އުތުރު ފަރާތުގައި ވާ އަލިފާން ފަރުބަދަ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން ފަސް ވަރަކަށް ބޮޑު ގޮވި ކަމަށެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ އަލިފާން ފަރުބަދަތަކުގެ އެލާޓް އެންމެ މަތީ ދަރަޖައަށް މަތިކޮށްފައެވެ.
ބުދަ ދުވަހުގެ ކުރީކޮޅު 800 އެއްހާ މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.
270 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިއާގައި 120 އެކްޓިވް އަލިފާން ފަރުބަދަ ހުރެ އެވެ. މިއީ ޕެސިފިކް ކަނޑުގެ ވަށައިގެން ވާ ސިސްމިކް ފޯލްޓް ލައިންތަކުގެ ހޯސްޝޫ ސައިޒުގެ ސިލްސިލާއެއް ކަމަށްވާ “ރިންގް އޮފް ފަޔާ” ކައިރީގައި އިންނަ ސަރަހައްދަކަށް ވާތީ އަލިފާން ފަރުބަދައިގެ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ބޮޑެވެ.
ކަމާބެހޭ ފަރާތްތަކުން 2،378 ފޫޓުގެ ރުއާންގް އަލިފާން ފަރުބަދައާ މަދުވެގެން 3.7 މޭލު ދުރުގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ޓޫރިސްޓުންނާއި އެހެނިހެން ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.
އޮފިޝަލުން ކަންބޮޑުވުންފާޅުކޮށްފައި ވަނީ 1871 ވަނަ އަހަރު އެތަނުގައި ހިނގި އަލިފާނުގެ ހާދިސާއެއް ފަދައިން އަލިފާން ފަރުބަދައިގެ ބައެއް މޫދަށް ވެއްޓި ސުނާމީއެއް އުފެދިދާނެތީ އެވެ.
އަލިފާން ފަރުބަދައިގެ އިރު އުތުރުގައި އޮންނަ ޓަގުލަންޑަންގް އައިލެންޑް އަނެއްކާވެސް ނުރައްކަލަށް ހުށަހެޅިފައިވާއިރު، އެ ރަށް ހުސްކުރަން އަންގާ މީހުންގެ ތެރޭގައި އެ ރަށުގެ ރައްޔިތުން ވެސް ހިމެނެ އެވެ.
2018 ވަނަ އަހަރު އިންޑޮނޭޝިއާގެ އަނަކް ކްރަކަޓައު އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ސުމަޓްރާ އާއި ޖާވާގެ އައްސޭރިފަށުގައި ސުނާމީއެއް އުފެދި ފަރުބަދައިގެ ބައެއް ބައިތައް މޫދަށް ވެއްޓި 430 މީހުން މަރުވި އެވެ.