ޗީވް – ޔޫކްރެއިންގެ ހުޅަނގާއި ދެކުނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ރަޝިއާއިން ރޭގަނޑު ވަރުގަދަ ހަމަލާއެއް ދީފައިވާ ކަމަށް ޔޫކްރެއިން އިން ބުނެފި އެވެ.
މި ހަމަލާގެ ސަބަބުން ޒަޕޯރިޒްޒިއާ އަދި އެލްވީވީވް ސަރަހައްދުގައި ހުންނަ (އޮޕަރޭޓަރު) އުކްރެނެރްގޯ ފެސިލިޓީތަކުގައި ހުރި އިކުއިޕްމަންޓްތައް ހަލާކުވެފައިވާކަމަށް ޔޫކްރެއިނުން ވަނީ ބުނެފައެެވެ. އަދި ޒަޕޯރިޒްޒިއާގައި ދެ މުވައްޒަފަކު ޒަހަމްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އެ ޤައުމުގެ ހަކަތަ އާއި ބެހޭ މިނިސްޓްރީން ބުނެފައިވެއެވެ.
އަދި މިއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ޔޫކްރެއިންގެ ހަކަތައިގެ އިންފްރާސްޓްރަކްޗާ ފެސިލިޓީތަކަށް ދިން އަށް ވަނަ ބޮޑު ހަމަލާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރަޝިޔާއިން ހަމަލާދޭން ފެށިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ހަކަތައިގެ އިންފްރާސްޓްރަކްޗާ ފެސިލިޓީތަކަށް އަމާޒުކޮށް ދިން މިސައިލާއި ޑްރޯން ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ހީނަރުވެ، ކަރަންޓް ކެނޑުމާއި، ޔޫރަޕިއަން ޔޫނިއަންއިން އެހީ ސަޕްލައި އެތެރެކުރަން ކިއެވްއަށް ވަނީ މަޖުބޫރުވެފަ އެވެ.
ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން ބުރާސްފަތި ދުވަހު ބުނީ ރޭގެ ބޮޑު ހަމަލާގައި އިންޖީނުގޭގެ އިތުރުން ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ހަމަލާގައި ޖުމްލަ ހަތް މުވައްޒަފަކު ޒަހަމްވެފައިވާ ކަމަށެވެ.
ޔޫކްރެއިންގެ އެންމެ ބޮޑު ޕްރައިވެޓް އެނާޖީ ކުންފުނި ޑީޓީއީކޭ އިން ބުނީ މި ހަމަލާތަކުގެ ސަބަބުން އެ ކުންފުނީގެ އެއް ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ ހަކަތައިގެ ކެޕޭސިޓީގެ ދެބައިކުޅަ އެއްބައި ހަލާކުވެފައިވާ ކަމަށް ރައީސް ވޮލޮޑިމިރް ޒެލެންސްކީ މީގެކުރިން ވަނީ ވިދާޅުވެފައެވެ.