ނައިޖީރިއާގެ އުތުރުގައި ހުކުރު ދުވަހު ހެނދުނުގެ ކްލާސްތައް ކުރިއަށް ދަނިކޮށް ދެ ބުރީގެ ސްކޫލެއް ވެއްޓި 22 ދަރިވަރުން މަރުވެއްޖެ އެވެ.
ޕްލެޓޫ ސްޓޭޓްގެ ބުސާ ބުޖީ ކޮމިއުނިޓީގައި ހުންނަ ސެންޓްސް އެކަޑަމީ ކޮލެޖު ވެއްޓުނީ 15 އަހަރުން ދަށުގެ ކުދިން ކްލާސްތަކަށް އައިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. އޮފިޝަލުން ވަނީ މި ހާދިސާގައި އިމާރާތުގެ އެތެރޭގައި ތާށިވެފައި ތިބި 100 އަށް ވުރެ ގިނަ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޖުމްލަ 154 ދަރިވަރަކު އިމާރާތުގެ ތެރޭގައި ތާށިވީއިރު، އޭގެ ތެރެއިން 132 ކުދިން ސަލާމަތްކޮށް އެކި ހޮސްޕިޓަލްތަކުގައި ޒަހަމްތަކަށް ފަރުވާ ދެމުން އަންނަ ކަމަށް ޕްލެޓޫ ފުލުހުންގެ ތަރުޖަމާނު އަލްފްރެޑް އަލަބޯ ވިދާޅުވިއެވެ. އަދި މި ހާދިސާގައި 22 ދަރިވަރަކު މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެއްޓުނު އިމާރާތުގެ ބައިގެ އެކްސްކަވޭޓަރުތައް ނަގަމުންދިޔައިރު އެތައް ހާސް ރައްޔިތުންނެއް އެތަނަށް ޖަމާވެ، ރޮމުންދާ މަންޒަރު ވީޑިޔޯތަކުން ފެނެއެވެ.
ނައިޖީރިއާގެ ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީން ބުނީ އިމާރާތް ވެއްޓުމާ އެކު ވަގުތުން ރެސްކިއު އަދި ސިއްހީ ހިދުމަތްތެރިންގެ އިތުރުން ސަލާމަތީ ބާރުތައް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެ ތާށިވެފައި ތިބި ދަރިވަރުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.



