ޣައްޒާގައި ހަމާސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގަން ރާވަމުންދާ ކަމަށް ބުނެ، ޣައްޒާގައި މީހުން ތޮއްޖެހިފައިވާ ސަރަހައްދެއްގެ ބައެއް ހުސްކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އަންގައިފިއެވެ.
އެ އަމުރާ އެކު އެތަނުން ހިމާޔަތް ހޯދާފައިވާ ގިނަ ރައްޔިތުންތަކެއް މިހާރު ތިބީ ދާނެތަކެއް ނޭނގި ގޮތް ހުސްވެފައެވެ.
ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރްޑަބްލިއުއޭ) އިން ބުނީ ޚާން ޔުނިސްގެ އާއިލާތަކަށް އާ އިވެކުއޭޝަން އޯޑަރު ލިބިފައިވާ ކަމަށެވެ.
ޔޫއެންއާރްޑަބްލިއުއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ބޮމުގެ ހަމަލާތަކުގެ ތެރޭގައި އާއިލާތަކުން އެމީހުންގެ މުދަލުން ބާކީ ހުރި އެއްޗެހި ޕެކްކޮށް ދުވަން ޖެހުނީ، ދާނެ ރައްކާތެރި ތަނެއް ނެތި ކަމަށެވެ.
“ޣައްޒާގެ ރައްޔިތުން ތިބީ ވަރުބަލިވެފަ، ލާއިންސާނީ ހާލުގައި ދިރިއުޅެމުންދާއިރު އެއްވެސް ރައްކާތެރިކަމެއް ނެތް” ޔޫއެންއާރްޑަބްލިއުއޭ އިން ބުނެފައިވެއެވެ.
ޚާން ޔުނިސްގެ އިރުމަތީ ސަރަޙައްދުތަކުގައި މަޖުބޫރުން މީހުން ދިރިއުޅެން ޖެހުމުގެ ސަބަބުން އާންމުންނަށް ވަނީ ފައިމަގުގައި ނުވަތަ ދަތުރުފަތުރުގެ އާދަޔާ ޚިލާފު ވަސީލަތްތައް ބޭނުންކޮށްގެން، އަމާޒުކުރެވިފައިވާ ސަރަޙައްދުތަކާ ދުރުގައި ހިޔާވަހިކަން ހޯދަން މަޖުބޫރުވެފައެވެ.