އަދީސް އަބާބާ – އިތިއޯޕިއާގެ ދުރު ހިސާބަކަށް ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 229 މީހުން މަރުވެއްޖެ އެވެ.
އިތިއޯޕިއާގެ ދެކުނުގެ ކެންޗޯ ޝަޗާ ގޯޒްޑީ ޑިސްޓްރިކްޓްގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި މާބަނޑު އަންހެނުން ވެސް ހިމެނޭ ކަމަށް އެ ގައުމުގެ އެޑްމިނިސްޓްރޭޓަރެއް ކަމަށްވާ ޑަގްމާވީ އަޔެލޭ ވިދާޅުވި އެވެ.
ހޯމަ ދުވަހު މަރުވި މީހުންގެ އަދަދު ވަނީ 55ގައި ހުރުމަށްފަހު މިހާރު އެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެ ސަރަހައްދު ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ދާކަމަށް ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދު ގޯފާ ޒޯންގައި ހުންނަ ކޮމިއުނިކޭޝަން އޮފީހުގެ ވެރިޔާ ކަސަހުން އަބައިނޭހް ވިދާޅުވި އެވެ.
އިތިއޯޕިއާގެ ވެރިކަން ކުރާ ޕާޓީން ވަނީ މި ކާރިސާއާ ގުޅިގެން ހިތާމަ ކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި ބޮޑުވަޒީރު އަބީ އަހްމަދުވެސް ފޭސްބުކްގައި ނެރުއްވި ބަޔާނެއްގައި ވަނީ މި ނުރައްކާތެރި ގެއްލުމާ މެދު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަބީގެ ބަޔާނުގައި ބުނެފައިވަނީ ފެޑެރަލް ޑިޒާސްޓަރ ޕްރިވެންޝަން ޓާސްކްފޯސް ހަރަކާތްތެރިވެ، މީހުން ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.