ނޭޕާލްގައި ހިނގި ނުރައްކާތެރި މަތިންދާ ބޯޓު ވެއްޓުނު ހާދިސާއެއްގައި ދުއްވަން އިން ޕައިލެޓް ފިޔަވާ އެންމެން މަރުވެއްޖެ އެވެ.
އިއްޔެ ހިނގި މި ހިތާމަވެރި ހާދިސާގައި ސަރުޔާ އެއާލައިންގެ މަތިންދާބޯޓުން ދަތުރުކުރި 18 މީހަކުވަނީ މަރުވެފައެވެ. އަދި މަތިންދާބޯޓުގެ ޕައިލެޓް ވަނީ ހަނިގޮތަކަށް ސަލާމަތްވެފައެވެ.
މި ހާދިސާއިން ސަލާމަތްވި ހަމައެކަނި ކެޕްޓަން މަނީޝް ރަތުނާ ޝާކްޔާ ސަލާމަތްވީ ބޯޓުގެ ބާކީ ބައިތަކުގައި އަލިފާން ރޯވުމުގެ ސިކުންތުކޮޅެއް ކުރިން މުދާ އުފުލާ ކޮންޓެއިނަރަކުން ޖެހި އޭނާގެ ކޮކްޕިޓް ވަކިވުމުގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ.
އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.
އޭނާ ސަލާމަތްކުރިއިރު ކޮންޓެއިނަރުހަރުލާފައި އޮތް ހަރުކޮށްފައި ހުރި މަތިންދާބޯޓުގެ ކޮކްޕިޓް ކައިރީގައި ވަނީ އަލިފާން ހިފާފައެވެ. އަދި އެއާ ޝީލްޑް ހުޅުވިފައި އޮތުމުން ނޭވާލާން ވެސް އުނދަގޫވި ކަމަށައި، ސަލާމަތްކުރަންޖެހުނީ ބިއްލޫރިގަނޑު ތަޅާލައިގެން ކަމަށް ނޭޕާލް ޕޮލިސްގެ ސީނިއާ ސުޕްރިންޓެންޑެންޓް ދަމްބަރު ބިޝްވަކަރްމާ ވިދާޅުވި އެވެ.
އެއާޕޯޓުގެ ޗީފް ޖަގަނަތު ނިރައުލާ އާއި ހަވާލާދީ ބީބީސީން ބުނީީ އެކްސިޑެންޓް ހިނގަން މެދުވެރިވީ “ބިންމަތިން ވައިގެތެރެޔަށް އުދުއްސާލިތާ އެންމެ މިނެޓެއްގެ ތެރޭގައި” ކަމަށާއި ނަމަވެސް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އެއާޕޯޓުގެ ކަމާބެހޭ ފަރާތްތަކަށް ކަށަވަރު ކޮށްދެވިފައި ނުވާ ކަމަށެވެ.
ނަމަވެސް ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓުގެ އިސްވެރިޔާ ވިދާޅުވީ އިބްތިދާއީ އެސެސްމަންޓުން އެނގުނީ މަތިންދާބޯޓު އުދުހިފައި ވަނީ ގޯސް ދިމާލަކަށް ކަމަށެވެ.
ނޭޕާލްގެ ވައިގެ ސަލާމަތާއި ރައްކާތެރިކަމުގެ ރެކޯޑް ދަށްކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޔެޓީ އެއާލައިންސްގެ މަތިންދާބޯޓެއް ވެއްޓި 72 މީހުން މަރުވި އިރު، އޭގެ ފަހުން އެ އެއާލައިންގެ ޕައިލެޓުންނަށް އޮޅިގެން ކަރަންޓު ކަނޑާލެވުނު ކަމަށް ބުނެފައިވެ އެވެ.
މިއީ 1992 ވަނަ އަހަރުގެ ފަހުން ނޭޕާލްގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ އެކްސިޑެންޓެވެ. ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ މަތިންދާބޯޓެއް ކަތަމަންޑޫ އެއާޕޯޓާ ދިމާލަށް ވެއްޓި ބޯޓުގައި ތިބި 167 މީހުން ވެސް ވަނީ މަރުވެފަ އެވެ.



