ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހަމަ މިހާރު ހުއްޓާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަދު ގޮވާލައިފިއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް ގެބްރިޔޭސުސް “އެކްސް”ގައި ވިދާޅުވީ، ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ހިޔާވަހިކަން ހޯދަމުންދާ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދިން ކަމުގެ އެންމެ ފަހުގެ ރިޕޯޓްތަކާ އެކު ދީރް އަލް ބަލާހްގައި ތިބި އާންމުންނާއި ބަލި މީހުންގެ ސަލާމަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އަދި މިފަދަ ހަމަލާތަކުގެ ސަބަބުން ނާޒުކު ސިއްހީ ހިދުމަތްދޭ ތަންތަނަށް ބުރޫ އަރާ، އެތަންތަން ބަންދުކުރުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ޣައްޒާގައި އިޒްރޭލުން އަސްކަރީ ހަމަލާތައް ދެމުން ގެންދަނީ ރަފާގައި އިޒްރޭލުން ހިންގާ އަމަލުތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ގާނޫނީ ގޮތުން ލާޒިމުކޮށްފައިވާ އަމުރަށް އިހުމާލުވަމުންނެވެ. މިހާރު ހިނގަމުންދާ މި ޙަމަލާގެ ސަބަބުން ޖެނޯސައިޑް ކޮންވެންޝަންގެ ދަށުން ވާޖިބުތަކާ ޚިލާފުވެދާނެކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.
އިޒްރޭލުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނައިރު، ފަލަސްތީނުގެ 39،258 މީހުން ޝަހީދުކޮށް، 90،589 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
މީގެ އިތުރުން، 10،000 އެއްހާ މީހުން، އެމީހުންގެ ސުންނާފަތިވެފައިވާ ގެތަކުގެ ކުނިތަކުގެ ދަށުގައި މަރުވެފައިވާ ކަމަށް ބެލެވެއެވެ.
ފަލަސްތީނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނާ ގޮތުގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް ދެ މިލިއަނަށްވުރެ ގިނަ މީހުން އެކި ސަރަޙައްދުތަކުން ހިޖުރަކޮށްފައިވާއިރު، ގެދޮރު ގެއްލުނު މީހުންގެ ބޮޑު ބައެއް ވަނީ މިޞްރުގެ ބޯޑަރު ކައިރީގައި އޮންނަ ދެކުނުގެ ރަފަހް ސިޓީއަށް ދިއުމަށް މަޖުބޫރުކޮށްފައެވެ.