ތުރުކީގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް އޮތޯރިޓީން އިންސްޓަގްރާމް ބްލޮކް ކޮށްފިއެވެ.
އެޤައުމުގެ ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗާގެ ޑެޕިއުޓީ މިނިސްޓަރު އުމޭރު ފާތިހް ސަޔާން ހުކުރު ދުވަހު އެކްސްގައި ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ ހިދުމަތް ދޭ ކުންފުނިތަކުން ހުޅަނގުގެ ގައުމުތަކުގައި، ކުށުގެ އަމަލުތައް ހިންގާ ގިނަ މައްސަލަތަކަށް އަވަސް އިޖާބަ ދޭ ކަމަށެވެ.
“އަޅުގަނޑުމެން އެދެނީ މި ޕްލެޓްފޯމްތަކުން ތުރުކިޔޭގައި ވެސް އެ އުސޫލުތަކަށް ބޯލަނބާ ގައުމުތަކުގައި އޮންނަ ފަދަ ރައްކާތެރި، ސާފު އަދި އިންސާފުވެރި ކޮންޓެންޓް މެކޭނިޒަމެއް ފޯރުކޮށްދިނުން،” އޭނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގެ ހިދުމަތް ދޭ ފަރާތްތަކުން ގެންގުޅޭ މި “ޑަބަލް ސްޓޭންޑާޑް” އަކީ މުޅި ދުނިޔޭގައި ވެސް އޮތް މައްސަލައެއް ކަމަށާއި، ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ހުއްޓުވުމަށް އެ ގައުމުގައި ތަމްސީލުކުރާ އޮފީސްތައް ހުޅުވަން މީގެ ކުރިން ތުރުކިޔޭ އެދުމުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެކަމާއި ދެކޮޅު ހަދައި، އެ ޖަރީމާތަކާ ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާ ކަން ހަނދާން ކޮށްދެއްވަމުން އޭނާ ވިދާޅުވި އެވެ.
މި ނިންމުމާ ގުޅިގެން ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުލްކާދިރު އުރަލޮގްލޫ ވިދާޅުވީ ތުރުކީގެ އޮފިޝަލުން އިންޒާރު ދިން ނަމަވެސް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުން އަދިވެސް ގައުމުގެ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށެވެ.
2021 ވަނަ އަހަރު ތުރުކީން ވަނީ ސޯޝަލް މީޑިއާގެ ގާނޫނެއް އެކުލަވާލައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން 48 ގަޑިއިރުގެ ތެރޭގައި ޕާސަނަލް އަދި ޕްރައިވެސީ ރައިޓްސް ހޯދުމަށް އެދުމުން އެކަމަށް އިޖާބަ ދިނުމާއި ޕާސަނަލް އަދި ޕްރައިވެސީ ރައިޓްސްއާ ގުޅޭ ރިކުއެސްޓް ތަފާސް ހިސާބު ދެއްކުމާއި ގާނޫނާ ހިލާފު ކޮންޓެންޓް 24 ގަޑިއިރުގެ ތެރޭގައި ނައްތާލުމާއި، ތުރުކީގެ ބޭނުންކުރާ މީހުންގެ ޑޭޓާ ތުރުކީގައި ހޯސްޓް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އަދިވެސް މަސައްކަތް ކުރަމުން ދަނީ އެ މީހުން ބޭނުންވާ އެއްޗެއް ޝާއިއުކޮށްގެން ނުވަތަ ޝާއިއު ނުކޮށް އެއް ވިސްނުމެއް ދެމެހެއްޓުމަށް ކަމަށާއި އެކަން ބަލައިނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
“އަޅުގަނޑުމެންގެ އަސާސްތަކަށް އިހުތިރާމްކުރާ، ދޮގު މައުލޫމާތުން އެއްކިބާވެފައިވާ ސާފު އަދި ރައްކާތެރި ސޯޝަލް މީޑިއާއެއް އުފެއްދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން.” އޭނާ ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ތުރުކީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ފަހްރެޓިން އަލްތޫން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ވިދާޅުވީ ހަމާސްގެ ލީޑަރު (އިސްމާއިލް) ހަނިއްޔާ އަވަހާރަވުމާ ގުޅިގެން ސިޔާސަތުތަކާ ހިލާފު އެއްވެސް ވާހަކައެއް ނުދައްކައި، ތައުޒިޔާގެ މެސެޖުތައް އެކަނިވެސް ޕޯސްޓް ކުރުމަށް އެ ޕްލެޓްފޯމުން އަމަލީ ގޮތުން ހުރަސް އަޅަމުންދާ ކަމަށް ބުނެފައެވެ.
ތެހެރާނުގައި ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައި ވަނީ މިއީ ސެންސަރުޝިޕް، ސާފު އަދި ސިމްޕަލް ކަމެއް ކަމަށެވެ.
ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ މިދިޔަ ބުދަ ދުވަހު އީރާނުގެ ވެރިރަށުގައެވެ. ހަމާސް އާއި އީރާނުން މި މަރާ ގުޅިގެން އިސްރާއީލުގެ ބޮލުގައި ތުހުމަތު ކުރި ނަމަވެސް ތެލްއަވީވް އިން އެކަމާއި އެއްޗެއް ބުނެފައެއް ނުވެއެވެ.



