ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ އިސްތިއުފާއަށް ގޮވާލައި ކުރަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވާ ވެރިރަށް ޑާކާއިން ފުރާވަޑައިގެންފައިވާ ކަމަށް ބަންގްލަދޭޝްގެ ލީޑަރުގެ އަރިސް ބޭފުޅަކާއި ހަވާލާދީ ނިއުސް އެޖެންސީ އޭއެފްޕީއިން ރިޕޯޓުކޮށްފިއެވެ.
އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި ބޮޑުވަޒީރު ޝެއިޚް ހަސީނާ ބޭނުންވީ ރައްޔިތުންނަށް ތަގުރީރެއް ދެއްވާށެވެ. އެހެންނަމަވެސް އެ ފުރުސަތު އެ ކަމަނާއަށް ލިބިވަޑައިނުގެންނެވިކަމަށް ނޫސްތަކުގައި ބުނެފައި ވެއެވެ.
“އެކަމަނާ އާއި އެކަމަނާގެ ކޮއްކޮ ވަނީ ގަނަބަބަން (ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު) ދޫކޮށް ރައްކާތެރި ތަނަކަށް ގޮސްފައި،” އޭއެފްޕީއަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
މުޒާހަރާގެ އެތައް ހާސް ބަޔަކު ވަނީ ކާފިއުއާ ހިލާފަށް ވެރިރަށުގެ މަގުތަކުގައި ހިނގާލުމަށްފަހު، ބޮޑުވަޒީރުގެ ގަނޑުވަރަށް ވަދެފަ އެވެ. އެގޮތުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް މީހުން ދުވެފައި ގޮސް އުފާފާޅުކުރަމުންދާ މަންޒަރުތައް ފެނެ އެވެ.
އޭއެފްޕީގެ ނޫސްވެރިން ބުނި ގޮތުގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހަތިޔާރު އެޅި އުޅަނދުތަކާއެކު ސިފައިންނާއި ފުލުހުން ވަނީ ހަސީނާގެ އޮފީހަށް ވަންނަ މަގުތައް ބެރިކޭޑް ކޮށްފަ އެވެ.
ހަތަރު ލައްކަ އެއްހާ މީހުން މަގުމަތީގައި ތިބި ކަމަށް އެގައުމުގެ މީޑިއާތަކުން އަންދާޒާ ކުރި ނަމަވެސް އެއީ ޔަގީން އަދަދެއް ނޫނެވެ.
މިކަން ހިނގާފައި މިވަނީ ބަންގްލަދޭޝްގައި އިއްޔެ ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި 98 މީހުން މަރުވުމާ ގުޅިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ވެރިޔާ ވަކަރު-އުޒް-ޒަމާން ގައުމާ މުހާތަބު ކުރައްވަން ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.
ހަސީނާގެ ދަރިކަލުން ވަނީ އެގައުމުގެ ސަލާމަތީ ބާރުތަކުގެ ކިބައިން އެކަމަނާގެ ވެރިކަމުން ބޭލުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް އެދިފައެވެ.
ސިވިލް ސަރވިސްގެ ވަޒީފާގެ ކޯޓާއާ ދެކޮޅަށް މިދިޔަ މަހު ފެށި އެއްވުންތައް ބޮޑުވަޒީރު ހަސީނާގެ 15 އަހަރުގެ ވެރިކަމުގެ އެންމެ ނުރައްކާތެރި ހަމަނުޖެހުންތަކަށް ބަދަލުވެ، އުމުރުން 76 އަހަރުގެ ހަސީނާ މަގާމުން އިސްތިއުފާ ދެއްވުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.