ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަރާޗީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެގައުމުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އެޤައުމުގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެލާޓް ނެރެފިއެވެ.
ޕާކިސްތާނަށް މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގައި ހުޅަނގު އުތުރު ޚައިބަރު ޕަޚްތޫންޚުވާ (ކޭޕީ) އާއި ޕަންޖާބު ޕްރޮވިންސުން 38 މީހުން ވަނީ މަރުވެފަ އެވެ. އެ ޤައުމުގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަމުންދާއިރު، އެންޑީއެމްއޭއިން ވަނީ ބޯކޮށް ވާރޭ ވެހޭއިރު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އާދީއްތަ ދުވަހު އެންޑީއެމްއޭ އިން ނެރުނު އެޑްވައިޒަރީގައި ބުނެފައިވަނީ އޮގަސްޓް މަހުގެ 4 އިން 6 އަށް ކަރާޗީގެ ބައެއް ސަރަހައްދުތަކަށް އާދައިގެ ވަރަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ އޮތޯރިޓީން ވަނީ މޫސުމުގެ އަޕްޑޭޓްތަކާއި އެލާޓްތައް ބެލެހެއްޓުމަށާއި މަގުތަކަށް ފެން ޖަމާނުވާނެ ގޮތަށް ނަރުދަމާ އާއި ފެން ހިންދުމުގެ ނިޒާމު ސާފުތޯ ބެލުމަށް އިލްތިމާސްކޮށްފަ އެވެ.
އެ އޮތޯރިޓީން ވަނީ ފެންބޮޑުވާ ސަރަހައްދުތަކުން ސަލާމަތްވުމަށް އެހެން މަގުތައް ބޭނުންކުރުމަށް އިލްތިމާސްކޮށް، ހިނގާބިނގާވެ އުޅުމާއި، އެއްގަމު އުޅަނދު ނުދުއްވުމަށް އިލްތިމާސްކޮށްފައެވެ.
ޕާކިސްތާނުގެ އުތުރުގެ ގިލްގިޓް-ބަލްޓިސްތާން (ޖީބީ) އަދި ކޭޕީ ސަރަހައްދުތަކުގައި އޮގަސްޓް މަހުގެ 3-6 އަށް ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ހިނގައިދާނެ ކަމުގެ އިންޒާރު މިދިޔަ ހަފުތާގައި ޕާކިސްތާނުގެ ދައުލަތުގެ އެސޯސިއޭޓެޑް ޕްރެސް އޮފް ޕާކިސްތާން (އޭޕީޕީ) އިން ވަނީ ދީފަ އެވެ. އަދި ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި ފެންބޮޑުވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.