ބަންގްލަދޭޝްގެ އިންތިގާލީ ލީޑަރަކަށް ނޮބެލް އިނާމު ހާސިލްކުރެއްވި މުހައްމަދު ޔޫނުސް ހަމަޖައްސަވައިފި އެވެ.
އުމުރުފުޅުން 84 އަހަރުގެ ޔޫނުސް އެ މަގާމަށް އައްޔަން ކުރައްވާފައި މިވަނީ ކުރީގެ ބޮޑުވަޒީރު ޝެއިޙް ހަސީނާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ހަފުތާތަކެއް ވަންދެން ކުރިއަށް ގެންދިޔަ ނުރައްކާތެރި މުޒާހަރާތަކަށް ފަހު ހަސީނާ ފިއްލަވާފައި ވަނިކޮށެވެ.
އުމުރުން 84 އަހަރުގެ ޔޫނުސް ނުވަތަ މަޝްހޫރު ނަމުން ނަމަ “ފަގީރުންނަށް ބެންކަރ” އަކީ މައިކްރޯލެންޑިންގައި އިސްކޮށް އުޅުއްވުމަށް ފަހު، ކުދި ކުދި ލޯނުތައް ދީގެން އެތައް މިލިއަން ބަޔަކު ފަގީރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ސަބަބުން 2006 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅެކެވެ. ބަންގްލަދޭޝްގައި ކޮރަޕްޝަންގެ ތުހުމަތުތަކާ ކުރިމަތިވެ، ހަސީނާގެ ވެރިކަމުގައި ޝަރީއަތް ކުރިއަށް ގެންދިޔަ ނަމަވެސް، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސީނާ މަގާމުން ދުރުކުރި ބޮޑު މުޒާހަރާތަކުގައި އިސްކޮށް އުޅުނު ދަރިވަރުން ވަނީ އަސްކަރިއްޔާގެ ސަރުކާރެއް ބަލައިގަންނަން ދެކޮޅު ހަދައި، އިންތިގާލީ ވެރިކަމެއް ހިންގުމަށް ޕްރޮފެސަރު ޔޫނުސް އަށް ބާރު އަޅާފަ އެވެ.
އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ މަގާމަށް ޕްރޮފެސަރު ޔޫނުސް އައްޔަން ކުރަން ނިންމީ ރައީސް މުހައްމަދު ޝަހާބުއްދީނާއި އަސްކަރީ ލީޑަރުންނާއި ދަރިވަރުންގެ ލީޑަރުން ބައްދަލުކުރެއްވުމަށް ފަހު އެވެ.
“މިހާ ގިނަ ގުރުބާނީތަކެއް ވި ދަރިވަރުން މި އުނދަގޫ ދަނޑިވަޅުގައި ފިޔަވަޅު އެޅުމަށް އެދޭއިރު، އަހަރެން ދެކޮޅު ހަދާނީ ކިހިނެއް؟ ޕްރޮފެސަރު ޔޫނުސް ވިދާޅުވި އެވެ.
ބޭސްފަރުވާއަށްފަހު ޕްރޮފެސަރު ޔޫނުސް ޕެރިހުން އެނބުރި ޑާކާއަށް ވަޑައިގަތުމަށްފަހު ހަމަޖެހިފައިވާކަމަށް އޭނާގެ ތަރުޖަމާނު ވިދާޅުވި އެވެ.