އިރާގުގައި އަންހެން ކުދިންކައިވެނި ކުރުމުގެ ގާނޫނީ އުމުރު އެންމެ 9 އަހަރަށް ކުޑަކުރުމަށް އެ ޤައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ.
އިރާގުގެ ޖަސްޓިސް މިނިސްޓްރީން ތައާރަފްކުރި މި ގާނޫނުގެ މަގްސަދަކީ އެ ގައުމުގެ ޕާސަނަލް ސްޓޭޓަސް ގާނޫނަށް އިސްލާހު ގެނައުމުގެ މަގްސަދުކަމަށް ބުނެފައިވެއެވެ. އެ ގައުމުގައި މިހާރު ކައިވެނީގެ އެންމެ ކުޑަ އުމުރަކީ 18 އަހަރެވެ.
މި ބިލުގެ ސަބަބުން ވަރިކުރުމާއި ދަރިން ބެލެހެއްޓުމުގެ މައްސަލަތަކުގައި ހައްގުތައް ނިގުޅައިގަނެވޭނެ ކަމުގެ ބިރު ފާޑުކިޔާ ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.
މި ބިލް ފާސްވެއްޖެނަމަ ނުވަ އަހަރުން ދަށުގެ އަންހެން ކުދިންނާއި 15 އަހަރުން ދަށުގެ ފިރިހެން ކުދިންނަށް ކައިވެނި ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ކުޑަކުދިންގެ ކައިވެނި އިތުރުވެ އެކްސްޕްލޮއިޓޭޝަން އިތުރުވުމުގެ ބިރު ބޮޑުވެގެންދާނެ ކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި ރިގްރެސިވް ފިޔަވަޅަކީ އަންހެނުންގެ ހައްގުތަކާއި ޖިންސީ ހަމަހަމަކަން ކުރިއެރުވުމުގައި އެތައް ޒަމާނެއް ވަންދެން ހޯދާފައިވާ ކުރިއެރުމަށް ބުރޫ އަރާނެ ފިޔަވަޅެއް ކަމަށެވެ.
އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި އަންހެނުންގެ ޖަމާއަތްތަކާއި މަދަނީ ޖަމިއްޔާތަކުގެ އެކްޓިވިސްޓުން ވަނީ މި ބިލާ ވަރަށް ބޮޑަށް ދެކޮޅު ހަދައި، ޒުވާން އަންހެން ކުދިންގެ ތައުލީމާއި ސިއްހަތާއި ދުޅަހެޔޮކަމަށް ބޮޑެތި ގެއްލުންތަކެއް އަންނާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެ ފަރާތްތަކުން ވަނީ ކުޑަކުދިންނާ ކައިވެނި ކުރުމުގެ ސަބަބުން ޑްރޮޕްއައުޓް ރޭޓް އިތުރުވެ، އަވަހަށް މާބަނޑުވުމާއި ގެވެށި އަނިޔާގެ ނުރައްކާ ބޮޑުވާ ކަމަށެވެ.
އދ.ގެ ކުޑަކުދިންގެ އިދާރާ، ޔުނިސެފުން ބުނި ގޮތުގައި އިރާގުގައި މިހާރުވެސް 28 އިންސައްތަ އަންހެން ކުދިންނަކީ އުމުރުން 18 އަހަރު ވުމުގެ ކުރިން ކައިވެނިކޮށްގެން އުޅޭ ކުދިންނެވެ.



