އެފްރިކާގައި މިހާރު ފެތުރެމުންދާ މަންކީ ޕޮކްސް (އެމްޕޮކްސް) އަކީ ދުނިޔޭގެ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީ ކޮމިޓީ އެއް ބާއްވަން ނިންމީ ވައިރަސްގެ ނުރައްކާތެރި ސްޓްރެއިންއެއް ކަމަށްވާ ކްލެޑް އައިބީ އެފްރިކާގެ ހަތަރު ގައުމަކަށް ފޯރާފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. މި ސްޓްރެއިން މީގެ ކުރިން ވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ވެސް ފެނިފައެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް އަށް މި ބަލި ފެތުރެމުންދާ ގޮތާ ބެހޭ ގޮތުން ލަފާ ދެއްވުމަށް މިނިވަން މާހިރުން ބުދަ ދުވަހު ވަނީ ވާޗުއަލްކޮށް ބައްދަލުކުރައްވާފައެވެ. އެ މަޝްވަރާއަށްފަހު، ބައިނަލްއަޤްވާމީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ވަނީ އިއުލާންކުރައްވާފައެވެ.
“އިރުމަތީ ޑީއާރުސީގައި އެމްޕޮކްސްގެ އާ ކްލޭޑެއް ހަލުވިކަމާއެކު ފެތުރުމާއި، މީގެ ކުރިން އެމްޕޮކްސް ރިޕޯޓްކޮށްފައި ނުވާ އަވަށްޓެރި ގައުމުތަކުން ފެނުމާއި ގުޅިގެން އެފްރިކާ އާއި އޭގެ ބޭރުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު އޮތުމަކީ ވަރަށް ކަންބޮޑުވާ ކަމެއް،” އޭނާ ވިދާޅުވި އެވެ.
އެފްރިކާ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން އަންގާރަ ދުވަހު ވަނީ މި ބަލި ފެތުރުމަކީ ކޮންޓިނެންޓަލް ސެކިއުރިޓީގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
އެފްރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނި ގޮތުގައި މި އަހަރު ފެށުނީއްސުރެ އެފްރިކާގެ 13 ގައުމަކުން 17،000 އަށް ވުރެ ގިނަ އެމްޕޮކްސް ކޭސް ރިޕޯޓްކޮށްފައިވާއިރު 500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި މިމަހުގައެވެ. އެއީ 14،000 އަށް ވުރެ ގިނަ މީހުން ނެވެ.
ކުރިން މަންކީޕޮކްސްގެ ނަމުން ނަން ދީފައިވާ އެމްޕޮކްސް އަކީ މީހުންނާއި ބަލި ޖެހިފައިވާ ޖަނަވާރުންގެ މެދުގައި ފަސޭހައިން ފެތުރޭ ވައިރަލް ބައްޔެކެވެ. ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި މި ބަލި ފެތުރޭނީ ގާތް ގުޅުމެއް ބޭއްވުން ފަދަ އަތްލުމާއި ބޮސްދިނުން ނުވަތަ ޖިންސީ ގުޅުން ހިންގުމުގެ އިތުރުން ފޭރާމާއި އިންޖެކްޝަން ފަދަ ތަޣައްޔަރުވެފައިވާ ތަކެތި މެދުވެރިކޮށެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ވޭންދެނިވި ރިއްސުން، ބޮލުގައި ރިއްސުން، މަސްތަކާއި ބުރަކަށީގައި ރިއްސުން، ހަކަތަ މަދުވުމާއި ލިމްފް ނޯޑްސް ބޮޑުވުން ހިމެނެއެވެ.
އެމްޕޮކްސް ޖެހިއްޖެ ނަމަ އާންމުގޮތެއްގައި ފުރަތަމަ އަލާމާތްތައް ފެންނަން 5 ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެއް ނަގަ އެވެ.
ޒަމާނުއްސުރެ މެދުތެރެ އާއި ހުޅަނގު އެފްރިކާއިން މި ބަލި ވަރަށް ބޮޑަށް ފެނުނު ނަމަވެސް ޔޫރަޕާއި އުތުރު އެމެރިކާގައި ވެސް މި ބަލި ފެތުރެން ފެށީ 2022 ވަނަ އަހަރު އެވެ. ޑަބްލިއުއެޗްއޯއިން 2022 ވަނަ އަހަރުގެ ޖުލައި މަހު ވެސް ވަނީ އެމްޕޮކްސް ފެތުރުމަކީ ދުނިޔޭގެ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅައި، 2023 ވަނަ އަހަރުގެ މެއި މަހު އެ އިއުލާނު ނިމުމަކަށް ގެނެސްފަ އެވެ.



