ސަރުކާރުގެ ހޮސްޕިޓަލެއްގައި ޓްރެއިނީ ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައާ ދެކޮޅަށް އިންޑިއާގެ އެކި ސިޓީތަކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ނިއު ދިއްލީގެ ޕާލަމެންޓް ކައިރިއަށް އެއްވެ އަންހެން މީހާ ރޭޕްކޮށް މަރާލި މައްސަލާގައި ޖަވާބުދާރީވުމަށް ގޮވާލާ ނިޝާންތަކެއް ހިފަހައްޓަގެން މުޒާހަރާކޮށްފައެވެ. އަދި މަރާލި ވެސްޓް ބެންގާލް ސްޓޭޓްގެ ވެރިރަށް ކޮލްކަތާ އާއި މުމްބާއީ އާއި ހައިދަރުއާބާދު ފަދަ އިންޑިއާގެ އެހެން ސިޓީތަކުގައި ވެސް ވަނީ މިފަދަ މުޒާހަރާތަކެއް ކޮށްފަ އެވެ.
މި މުޒާހަރާތައް ފެށުނީ އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު ކޮލްކަތާގެ ސަރުކާރު ހިންގާ އާރްޖީ ކަރް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ ސެމިނާ ހޯލުން އުމުރުން 31 އަހަރުގެ ޓްރެއިނީ ޑޮކްޓަރުގެ ލޭ އޮހޮރުވިފައިވާ ހަށިގަނޑު ފުލުހުންނަށް ފެނުމުންނެވެ.
އޭގެ ފަހުން އޮޓޮޕްސީ ހެދުމުން ޖިންސީ ގޯނާ ކުރިކަން ކަށަވަރުވެ، އެ މައްސަލައާ ގުޅިގެން ފުލުހުންގެ ވޮލަންޓިއަރަކު ވަނީ ހިފަހައްޓާފަ އެވެ. އަދި އެއީ ގޭންގް ރޭޕެއްގެ މައްސަލައެއް ކަމަށާއި އެކަމުގައި އިތުރު ބަޔަކު ބައިވެރިވި ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފަ އެވެ.
މި މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރަން ފެށި ސަރުކާރުގެ އޮފިސަރުންގެ މައްޗަށް ވަނީ އެ މައްސަލަ ގޯސްކޮށް ބެލެހެއްޓި ކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އެ މައްސަލަ ފެޑެރަލް އިންވެސްޓިގޭޓަރުންނަށް ހަވާލުކޮށްފަ އެވެ.
އޭގެ ފަހުން އުފެދުނު ރުޅިވެރިކަމުގެ ސަބަބުން މުޅި އިންޑިއާގައި ނުރުހުން އުފެދި، އަންހެނުންނަށް ކުރާ އަނިޔާއާ ގުޅިގެން މުޒާހަރާތައް ވަނީ ހޫނުވެފަ އެވެ. މި މުޒާހަރާތަކުގެ ސަބަބުން އިންޑިއާގެ ބައެއް ޕަބްލިކް ހޮސްޕިޓަލްތަކުން އެތައް ހާސް ޑޮކްޓަރުންނާއި ޕެރަމެޑިކްސް މީހުން ނުކުމެ، މަސައްކަތުގެ މާހައުލު ރައްކާތެރި ކުރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއަކީ އިންޑިއާގައި ވަރަށް ބޮޑަށް ފެތުރެމުންދާ މައްސަލައެކެވެ. ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރު ފުލުހުން ވަނީ ރޭޕްގެ 31،516 ރިޕޯޓް ކޮށްފަ އެވެ.



