މައްކާގެ ޖަބަލް އަލް ނޫރުގައި 634 މީޓަރު އުސްމިނުގައި އަދި ގެފުޅާއި ގާތްގަނޑަކަށް 4 ކިލޯމީޓަރު ދުރުގައި ހުންނަ ހުންނަ ހިރާގެ ހޮހަޅައަށް ވަނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އަންނަ އަހަރު ކޭބަލް ކާރުގައި ހިރާ ފަރުބަދައަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސައުދީ އަރަބިއްޔާއިން ތައްޔާރުވާން ފަށައިފިއެވެ.
މި މަޝްރޫޢުގެ އަމާޒަކީ ޙައްޖުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ތާރީޚީ އަދި ދީނީ މި މުހިންމު މަންޒިލަށް ޒިޔާރަތްކުރުމަށް ފަސޭހަގޮތްތަކެއް ހަމަޖެއްސުން ކަމަށް ސައުދީން ބުނެއެވެ. އެކަމަށްޓަކައި ކޭބަލް ކާރުގެ ހިދުމަތް އަންނަ އަހަރު ފަށާނެ ކަމަށްވެސް އެ ޤައުމުން ބުނެއެވެ.
މި މަޝްރޫއު ނިމުމަކާ ގާތްވެފައިވާއިރު، އޭގެ ސަބަބުން ހައްޖުވެރިންނާއި ޓޫރިސްޓުންނަށް ހިރާ ހޮހަޅައަށް ވަދެވޭނެ ޒަމާނީ އަދި ފަސޭހަ މަގެއް ލިބިގެންދާނެ ކަމަށް ސައުދީން ބުނެއެވެ.
ހިރާ ހޮހޮޅަ ހިމެނޭ ސަރަޙައްދަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމައަށް ކީރިތި ޤުރުއާން އެންމެ ފުރަތަމަ ބާވައިލެއްވި ތަނުގެ ގޮތުގައި އައިސްފައިވާ އަދި ދީނީ ގޮތުން ވަރަށް ބޮޑު އަހަންމިއްޔަތެއް ލިބިފައިވާ ޖަބަލް އަލް ނޫރު ކައިރީގައި އޮންނަ ސަރަޙައްދެކެވެ.



