އެމްޕޮކްސް އަކީ އާ ކޮވިޑްއެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސް މާހިރަކު ވިދާޅުވެއްޖެ އެވެ.
ވައިރަހުގެ އާ ވޭރިއަންޓަކާ މެދު ހަގީގީ ކަންބޮޑުވުމާއެކު ދުނިޔޭގެ އެލާޓަށް އައިސްފައިވުމާއި ގުޅިގެން ޔޫރަޕްގެ ރީޖަނަލް ޑައިރެކްޓަރު ޑރ ހާންސް ކްލޫޖް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެންމެން ގުޅިގެން އެމްޕޮކްސް އާ ދެކޮޅަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި މިހާރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމާއި، ވެކްސިން އެންމެ ބޮޑަށް ބޭނުންވެފައިވާ ސަރަޙައްދުތަކަށް ފޯރުކޮށްދިނުން ފަދަ ކަންކަމުގެ ސަބަބުން، ވައިރަސް އިތުރަށް ފެތުރުން ހުއްޓުވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އާ ވޭރިއަންޓް ކަމަށްވާ ކްލެޑް އައިބީ ގެ ކޭސްއެއް މިދިޔަ ހަފުތާގައި ސްވިޑެންއިން ފެނިފައިވާއިރު އެފްރިކާގައި ބަލި ފެތުރުން އިތުރުވުމާ ގުޅިފައިވެ އެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެމްޕޮކްސްގެ ކްލޭޑް އައިބީއާ ޖެހިގެން ވަނީ 450 މީހުން މަރުވެފައެވެ.
އާ ވޭރިއަންޓާ ބެހޭ ގޮތުން އަދިވެސް ދަސްކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ނަމަވެސް މިވޭރިއަންޓު ފަސޭހައިން ފެތުރި، އިތުރަށް ސީރިއަސް ބަލިތައް ޖެހުމަށް މަގުފަހިވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އިނގިރޭސިވިލާތުން ކްލޭޑް އައިބީގެ އެއްވެސް ކޭސްއެއް ފެނިފައި ނުވިނަމަވެސް ބައިނަލްއަގުވާމީ ފިޔަވަޅު ނާޅައިފިނަމަ ބަލި ފެތުރިދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ވަނީ ދީފައެވެ. 2022 ވަނަ އަހަރު އެންމެ ފުރަތަމަ ޔޫރަޕަށް އަސަރުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ރޯގާގެ ފަހަތުގައި އޮތީ ތަފާތު ވޭރިއަންޓެއް ކަމަށްވާ ކްލެޑް 2 އެވެ.



