އިއްޔެ ރޭ ޣައްޒާގެގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ޝަހީދުވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ޞިއްޙީ ވަސީލަތްތަކުން ބުނާ ގޮތުގައި މި ޙަމަލާތަކުގައި މަދުވެގެން 14 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 4 ކުޑަކުދިންނާއި 4 އަންހެނުން ހިމެނެއެވެ. އަދި އެތައް ބައެއް ވަނީ ޒަޚަމްވެފައެވެ.
ޚާން ޔޫނިސްގެ އަލް-އަމަލް ސަރަޙައްދުގައި ހުރި ކަލާޚް ޢާއިލާގެ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 11 އާންމު ރައްޔިތުން ޝަހީދުވެ، އެތައް ބައެއް ޒަޚަމްވިއެވެ.
މީގެ އިތުރުން، ނުސައިރާތު ރެފިއުޖީ ކޭމްޕުގެ އުތުރު ސަރަޙައްދުގައި ހުރި، ގެދޮރު ގެއްލިފައިވާ މީހުން ތިބި ސްކޫލަކަށް އިސްރާއީލުގެ ޑްރޯނަކުން ދިން ޙަމަލާއެއްގައި 3 މީހުން ޒަޚަމްވިއެވެ.
ސިވިލް ޑިފެންސްގެ ވަސީލަތްތަކުން ބުނާ ގޮތުގައި ކުވައިތީ ރައުންޑްއަބައުޓް ސަރަޙައްދުގައި ހުރި ރިހާއިޝީ ޢިމާރާތްތަކަކާއި، ގާޒާ ސިޓީގެ ދެކުނުގައި ހުރި ޔުނިވަރސިޓީ ކޮލެޖް އިސްރާއީލުގެ ވައިގެ ހަމަލާއަކުން ވަނީ ފުނޑުފުނޑުކޮށްލާފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ގާޒާއަށް ދެމުންދާ އަނިޔާވެރި ޙަމަލާތަކުގައި މިހާތަނަށް 40,265 ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ލިޔެކިޔުންތަކުން ދައްކައެވެ. އަދި 93,144 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.



