އާ އެމްޕޮކްސް ފެތުރުން ކޮންޓްރޯލް ކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން ފިޔަވަޅު އެޅުމަށާއި، އެކަމަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މަދުވެގެން 135 މިލިއަން ޑޮލަރު ބޭނުންވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯގެ މެމްބަރު ގައުމުތަކަށް ހުކުރު ދުވަހު ދެއްވި ތަގުރީރުގައި ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ، މި އާ އެމްޕޮކްސް ފެތުރުން ކޮންޓްރޯލް ކުރެވިދާނެ ކަމަށާއި އެކަން ހުއްޓުވިދާނެ ކަމަށެވެ.
އެފްރިކާގައި އެމްޕޮކްސް ފެތުރެން ފެށުމާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ވަނީ ދުނިޔޭގެ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އެވެ. ޔޫރަޕުން މިމަހު އެންމެ ފުރަތަމަ އެމްޕޮކްސް ގެ ކޭސްއެއް ފެނުނު ގައުމަކީ ސްވިޑަން ކަމަށްވާއިރު ތައިލެންޑަކީ މިހާރު އޭޝިއާގެ ފުރަތަމަ ގައުމުން ބަލި ޖެހިފައިވާކަން ކަށަވަރުކުރި ގައުމެވެ.
އެފްރިކާ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން މީގެ ކުރިން ވެސް ބުނެފައި ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް 10 މިލިއަން ވެކްސިން ބޭނުންވާ ކަމަށެވެ. އީޔޫގެ ހެލްތު ކޮމިޝަނަރު ސްޓެލާ ކިރިއާކިޑްސް ބުރާސްފަތި ދުވަހު ވަނީ އީޔޫގެ ގައުމުތަކުން މި މަސް ނިމުމުގެ ކުރިން ހަދިޔާ ކުރަން ރާވާފައި ވަނީ ކިތައް އެމްޕޮކްސް ވެކްސިންކަން އަންގައިދިނުމަށް އެދިފަ އެވެ.
މީގެއިތުރުން އެމްޕޮކްސް ފެތުރުން ހުއްޓުވުމަށް ޑަބްލިއުއެޗްއޯއިން ހާއްސަ ފަންޑިން އެޕީލްއެއް އަންނަ ހަފުތާގައި ފަށަން ވަނީ ނިންމާފައެވެ.
“މި މަސައްކަތަށް ފަންޑުކޮށް، ވީހާވެސް އަވަހަކަށް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، އަޅުގަނޑުމެންގެ އިބްތިދާއީ އަންދާޒާތަކުން ދައްކާގޮތުގައި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 135 މިލިއަން ޑޮލަރު ބޭނުންވާނެ،” ގެބްރިޔޭސަސް ވިދާޅުވި އެވެ.
“އިތުރުވަމުންދާ ބޭނުންތަކަށް ރިއާޔަތްކޮށް ޕްލޭން އަޕްޑޭޓް ކުރާއިރު އެ އަދަދު އިތުރުވާނެ،” އޭނާ ވިދާޅުވި އެވެ.



