ނައިޖީރިއާގެ އިރުއުތުރުގެ އަވަށަކަށް ބޯކޯ ހަރާމްގެ ހަރުކަށި ފިކުރުގެ ހަނގުރާމަވެރިން ހަމަލާދީ ފިހާރަތަކާއި ގެތަކުގައި އަލިފާން ރޯކޮށް އެތައް ބަޔަކު މަރުވެއްޖެ އެވެ.
މި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.
“ބޯކޯ ހަރާމްގެ ކަމަށް ޝައްކުކުރެވޭ 150 އެއްހާ ޓެރަރިސްޓުން ރައިފަލާއި އާރްޕީޖީ (ރޮކެޓް ޕްރޮޕެލްޑް ގްރެނޭޑް) ހިފައިގެން 50 އަށް ވުރެ ގިނަ ސައިކަލުގައި މަފާ ވޯޑަށް ހަމަލާ ދީފައިވޭ،” އެ ވިލެޖް ހުންނަ ޔޯބޭ ސްޓޭޓްގެ ފުލުހުންގެ ތަރުޖަމާނު ޑަންގަސް އަބްދުލްކަރީމް ވިދާޅުވި އެވެ.
އެމީހުން އެތައް ބަޔަކު މަރާލައި ގިނަ ފިހާރަތަކާއި ގެތައް އަންދާލި އެވެ. މި ހަމަލާގައި މަރުވި މީހުންގެ އަދަދު އަދި ސާފެއް ނުވެ އެވެ.
އަބްދުލްކަރީމް ވިދާޅުވީ މި ހަމަލާއަކީ ބޯކޯ ހަރާމްގެ ދެ ހަނގުރާމަވެރިން އެ ގައުމުގެ ހިމާޔަތްތެރިން މަރާލުމުން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.
ޔޯބެ އަކީ ބޯކޯ ހަރާމާއި އެހެނިހެން ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން 15 އަހަރު ވަންދެން ހިންގި ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ، ދެ މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލުނު ތިން ސްޓޭޓްގެ ތެރެއިން އެއް ސްޓޭޓެވެ. ހަތިޔާރު އެޅި ޖަމާއަތްތަކުން އެމީހުންގެ ދަރަޖަ ވަރުގަދަކޮށްފައި ވަނީ “ބެންޑިތްސް” ގެ ނަމުން ނަން ދީފައިވާ ކުށްވެރިންގެ ގޭންގުތަކާ ގުޅިގެން، އަވަށްތައް ރެއިޑްކޮށް، މީހުން މަރާލައި ވަގަށް ނަގައި، އެ މީހުން ލޫޓުވާލުމަށް ފަހު ގެތައް އަންދާލައިގެންނެވެ.
އޮފިޝަލުން ވިދާޅުވީ މަފާގައި މަރުވި މީހުންގެ އަދަދު ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.