އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވުމަށް އދ. ގެ ޔޫއެންއާރުޑަބްލިއުއޭގެ ފަރާތުން، ޣައްޒާގެ ސްކޫލަކަށް ބަދަލުވެފައިވާ ހިޔާއެއްގައި މަސައްކަތް ކުރަމުންދިޔަ ހަ މުވައްޒަފަކު މަރާލައިފިއެވެ.
މިކަމާއި ގުޅިގެން ޔޫއެންއާރުޑަބްލިއުއޭ އިން އެކްސްގައި ކުރި ޓްވީޓެއްގައި ވަނީ މިއީ އެ ޖަމިއްޔާގެ މުވައްޒަފުން އެންމެ ގިނައިން މަރުވި އެއް ހަމަލާކަމަށް ބުނެފައެވެ.
މި ހަމަލާތަކުގައި ޖުމްލަ 34 މީހުން ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޔޫއެންއާރުޑަބްލިއުއޭ އިން ބުނީ ހިޔާ މެނޭޖަރާއި ޓީމްގެ އެހެން މެމްބަރުން ވެސް ހަމަލާގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ
ޣައްޒާގެ މެދު ސަރަހައްދުގައި ހުންނަ ނޫސެއިރާތުގައި ހުންނަ ޔޫއެންއާރުޑަބްލިއުއޭ ސްކޫލުގައި ގާތްގަނޑަކަށް 12،000 ވަރަކަށް ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ދެމުން ދިޔަ ކަމަށާއި އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ. އިން ބުނެއެވެ.
ޔޫއެންއާރުޑަބްލިއުއޭ އިން ވަނީ ސްކޫލްތަކާއި ވަށައިގެންވާ ސަރަހައްދުތައް އަސްކަރީ ނުވަތަ ހަނގުރާމައިގެ ބޭނުމުގައި ބޭނުންނުކުރުމަށް ގޮވާލާފައެވެ.



