ސްރީލަންކާގެ މާކްސިސްޓް ވިސްނުމުގެ ލީޑަރު، އަނުރާ ކުމާރާ ޑިސަނާޔަކެ، އިޤްތިޞާދީ ގޮތުން ދަރަނިވެރިވެފައިވާ ޤައުމުގެ ނާޒުކު އިޤްތިޞާދީ ރިކަވަރީ ހަރުދަނާކުރުމަށް މަސައްކަތްކުރާނެ ރައީސަކު އިންތިޚާބުކުރުމަށް ބޭއްވުނު އިންތިޚާބުގައި ފާހަގަކުރެވޭ ބޮޑު ތަފާތަކުން ކުރީގައި ވާދަކޮށްފިއެވެ.
ސްރީލަންކާގެ އިލެކްޝަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ގުނާފައިވާ އެއް މިލިއަން ވޯޓުގެ ތެރެއިން ޑިސަނާޔަކެ ވަނީ 53% ވޯޓު ހޯދާފައެވެ. އިދިކޮޅު ލީޑަރު ސަޖިތް ޕްރެމަދާސާ ވަނީ 22% އާއެކު ދެވަނައިގައެވެ. އަދި ރައީސް ރަނިލް ވިކްރަމަސިންގެ ވަނީ ތިންވަނައިގައެވެ.
ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 17 މިލިއަން މީހުންގެ ތެރެއިން 75% މީހުން ހޮނިހިރު ދުވަހު ބޭއްވުނު އިންތިޚާބުގައި ވޯޓުލާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
ޑިސަނާޔަކެ ވާދަކުރީ ނެޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިހާދުގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. މި އިއްތިހާދުގައި ހިމެނެނީ އޭނާގެ މާކްސިސްޓް ވިސްނުމުގެ ޖަނަތާ ވިމުކްތި ޕެރަމުނާ (ޖޭވީޕީ) ޕާޓީއެވެ. މި ޕާޓީއަކީ އާންމުކޮށް ވަރުގަދަ ސަރުކާރުގެ އަތްގަދަކަމާއި، ދަށް ޓެކްސްތަކާއި، ބަންދު މާރކެޓް އިޤްތިޞާދީ ސިޔާސަތުތަކަށް ތާއީދުކުރާ ޕާޓީއެކެވެ.
ޖޭވީޕީ ޕާޓީއަށް ޕާލިމެންޓުގައި އޮތީ އެންމެ 3 ގޮނޑި ކަމުގައިވީނަމަވެސް، 55 އަހަރުގެ ޑިސަނާޔަކެއަށް ވަނީ ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ ވަޢުދުތަކާއި، ފަގީރުންނަށް އެހީތެރިވާ ސިޔާސަތުތަކުގެ ސަބަބުން ބާރުލިބިފައެވެ.
އޭނާ ތަޢާރަފުވެފައިވަނީ ބަދަލުގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އަދި ވެރިކަމާ ހަވާލުވާތާ 45 ދުވަހުގެ ތެރޭގައި ޕާލިމެންޓް އުވާލައި، އޭނާގޭނާގެ ސިޔާސަތުތަކަށް އާ މެންޑޭޓެއް ހޯދުމަށް އާންމު އިންތިޚާބެއް ބާއްވާނެކަމަށް ވަޢުދުވެފައިވެއެވެ.
މިއީ 2022 ވަނަ އަހަރު ބޭރު ފައިސާގެ ބޮޑު ދަތިކަމެއް ދިމާވެ، އަސާސީ ބޭނުންތަކުގެ ތަކެތި އިމްޕޯޓްކުރުމަށް ފައިސާ ނެތުމުގެ ސަބަބުން އިޤްތިޞާދު ވެއްޓުނު ފަހުން ސްރީލަންކާގައި ބޭއްވުނު ފުރަތަމަ އިންތިޚާބެވެ.
2022 ވަނަ އަހަރު އެތައް ހާސް މީހުން ކޮލޮމްބޯގައި މުޒާހަރާކޮށް، ރައީސްގެ އޮފީހާއި ގަނޑުވަރު ހިފައި، އޭރުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ފިއްލަވައި، ފަހުން އިސްތިޢުފާދިނުމަށް މަޖުބޫރުކުރިއެވެ.
އިއްޔެ ބޭއްވި އިންތިޚާބުގައި ކާމިޔާބު ހޯދާ ފަރާތުން 2027 ވަނަ އަހަރާ ހަމައަށް އައިއެމްއެފްގެ ޕްރޮގްރާމާއެކު ކުރިއަށް ދިއުން ކަށަވަރުކުރަންޖެހޭނެއެވެ. މިއީ ޤައުމުގެ އިޤްތިޞާދު ދެމެހެއްޓެނިވި ކުރިއެރުމުގެ މަގަށް އެޅުވުމަށާއި، މާރކެޓްތަކަށް ޔަޤީންކަން ދިނުމަށާއި، ދަރަނި އަދާކުރުމަށާއި، އަދި އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަށް ފަޤީރުކަމުން އަރައިގަތުމަށް އެހީތެރިވުމަށްޓަކައެވެ.
ހަރުކަށި ތަޤްރީރުތައް ދިނުމުގެ ޤާބިލުކަމަށް މަޝްހޫރު ޑިސަނާޔަކެ، އޭނާގެ މެނިފެސްޓޯގައި ވަނީ ޓެކްސްތައް ދަށްކުރާނެކަމަށް ވަޢުދުވެފައެވެ. މިކަމުން މާލީ ލަނޑުދަނޑިތަކަށް އަސަރުކުރާނެތީ، އިންވެސްޓަރުންނާއި މާރކެޓްގައި ބައިވެރިވާ ފަރާތްތަކުން އޭނާގެ އިޤްތިޞާދީ ސިޔާސަތުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.