މާކްސިސްޓް ވިސްނުމުގެ ސިޔާސީ ލީޑަރު އަނުރަ ކުމާރަ ދިސަނާޔަކެ، ހޮނިހިރު ދުވަހުގެ އިންތިޚާބުގައި ކާމިޔާބު ހޯއްދެވުމަށްފަހު ސްރީލަންކާގެ އައު ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.
ދިސަނާޔަކެ ހުވާ ކުރެއްވީ މިއަދުގެ ހެނދުނު ކޮލޮމްބޯގައި ހުންނަ ރިޔާސީ ސެކްރެޓޭރިއެޓް އިމާރާތުގައެވެ.
ހުވާކުރެއްވުމަށްފަހު އޭނާ ވިދާޅުވީ ސްރީލަންކާ ކުރިމަތިވެފައިވާ މައްސަލަތަކުގެ ބޮޑުކަން އެނގިވަޑައިގަންނަވާ ކަމަށާއި، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެއްދެވުމަށާއި ހުރިހާ ސްރީލަންކާ ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށް ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
“ސިޔާސީ ވެރިންގެ މައްޗަށް ރައްޔިތުންގެ އިތުބާރު ފުރިހަމައަށް އަލުން ޤާއިމްކުރުމަށް އަޅުގަނޑަށް ވެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނަން،” ދިސަނާޔަކެ ހުވާކުރެއްވުމަށްފަހު ވިދާޅުވިއެވެ.
“އަޅުގަނޑަކީ ޖާދޫ ހަދާ މީހެއް ނޫން، އަޅުގަނޑަށް އެނގޭ ކަންތައްތަކާއި ނޭނގޭ ކަންތައްތައް ހުންނާނެ، އެކަމަކު އަޅުގަނޑު އެންމެ ރަނގަޅު ލަފާ ހޯދާނަން އަދި އަޅުގަނޑަށް ވެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނަން. އެކަމަށްޓަކައި، އަޅުގަނޑަށް އެންމެންގެ އެހީތެރިކަން ބޭނުންވޭ.” ދިސަނާޔަކެ ވިދާޅުވިއެވެ.
55 އަހަރުގެ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޖޭވީޕީ) ޕާޓީގެ އަދި ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިހާދުގެ ލީޑަރު ރައީސްކަން ކާމިޔާބުކުރެއްވީ ވޯޓުގެ 42.31 އިންސައްތަ ހޯއްދަވައިގެން ކަމަށް ސްރީލަންކާގެ އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
ދިސަނާޔަކެ ރައީސްކަމަށް ކުރިމަތިލެއްވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށާއި ދެކުނު އޭޝިއާގެ މި ޖަޒީރާ ޤައުމުގެ ސިޔާސަތު ސާފުކުރައްވާނެ ކަމުގެ ވަޢުދާ އެކުގައެވެ.
މި އިންތިޚާބަކީ 2022 ވަނަ އަހަރު އިޤްތިޞާދީ ބޮޑު ހީނަރުކަމެއްގެ ތެރޭގައި ގޮތަބާ ރާޖަޕަކްސާ ވެރިކަމުން ދުރުކުރުމަށް ބޮޑެތި މުޒާހަރާތަކެއް ކުރުމަށްފަހު ބޭއްވުނު ފުރަތަމަ އިންތިޚާބެވެ.
ސްރީލަންކާ މިހާރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީއާއެކު ހާލަތު ރަނގަޅުވެފައިވީ ނަމަވެސް، ގެނެވުނު ހަރުކަށި އިޤްތިޞާދީ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.