ނިއުޒީލެންޑްގެ ސައިންޓިސްޓުން “ގޯސްޓް ޝާކް” ގެ އައު ބާވަތެއް ދެނެގަނެފިއެވެ.
ވެލިންގޓަންގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް އޮފް ވޯޓަރ އެންޑް އެޓްމޮސްފެރިކް ރިސާރޗް (ނީވާ) އިން އަންގާރަ ދުވަހު ބުނެފައިވާގޮތުން، “އޮސްޓްރޭލޭޝިއަން ނެރޯ-ނޯޒްޑް ސްޕޫކްފިޝް” ދިރިއުޅެނީ ހަމައެކަނި އޮސްޓްރޭލިއާ އާއި ނިއުޒީލެންޑް ވަށައިގެންވާ ފުން ކަނޑުތަކުގައެވެ.
2.6 ކިލޯމީޓަރަށްވުރެ ފުން ކަނޑުގެ އަޑީގައި ޝިކާރައަށް ނުކުންނަ މި މަހަށް ނަން ދީފައިވަނީ ދިރާސާ ޓީމުގެ މެންބަރެއްގެ މާމަގެ ނަމުންނެވެ.
“ގޯސްޓް ޝާކް” ނުވަތަ “ޗިމާރާ” ގެ ނަމުންވެސް މަޝްހޫރު ސްޕޫކްފިޝް، މިޔަރު އަދި މަޑި އާއި ގުޅުން ހުރި ނަމަވެސް، މަހުގެ އާއިލާއަށްވެސް ނިސްބަތްވާ މި މަހުގެ މުޅި ހަށިގަނޑު އެކުލެވިގެންވަނީ ކާޓިލޭޖުންނެވެ. މި ސިއްރުވެރި ޖަނަވާރުތަކަށް ކިޔާ އެހެން ނަންތަކުގެ ތެރޭގައި ރެޓްފިޝް، ރެބިޓްފިޝް އަދި އެލެފަންޓް ފިޝް ހިމެނެއެވެ.
ގޯސްޓް ޝާކުތަކުގެ ކަޅު ލޯތައް ވަރަށް ބިރުވެރިއިރު، އޭގެ ހަން އަލިވެފައި އޮމާންވެފައި، ހުޅުނބެއް ނުހުރެއެވެ. އެ ބާވަތުގެ މަސްތައް 2،600 މީޓަރުއާ ހަމައަށް ފުނުގައި ކަކުނި ކައިގެން އުޅެނީ އެމީހުންގެ ޚާއްޞަ ދޫނި ތުނބެއްގެ ސިފަައަށް ހުންނަ އަނގަ ބޭނުންކޮށްގެންނެވެ.
“މިފަދަ ގޯސްޓް ޝާކުތައް ގިނައިން އުޅެނީ ކަނޑުގެ އަޑީގަ.” ރިސާރޗް ސައިންޓިސްޓް ބްރިޓް ފިނުއްޗީ ބުންޏެވެ.
މި ނަމޫނާތައް ހޯދިފައިވަނީ ޗެތަމް ރައިޒްގައި ކުރެވުނު ދިރާސާއެއްގެ ތެރެއިންނެވެ. ޗެތަމް ރައިޒްއަކީ ނިއުޒީލެންޑްގެ ދެކުނު ޖަޒީރާގެ އިރުމަތިން ގާތްގަނޑަކަށް 1،000 ކިލޯމީޓަރު ދުރަށް ފެތުރިފައިވާ ޕެސެސިފިކް ސަރަޙައްދެކެވެ.