ޣައްޒާގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ކަމުގައިވާ ޖަބާލިޔާއަށް އިސްރާއީލުން ދިން ހަމަލާއެއްގައި 33 މީހުން ޝަހީދުވެ، 85 މީހުން ޒަޚަމްވެއްޖެކަމަށް މެޑިކަލް އޮފިޝަލުން މިއަދު ހާމަކޮށްފިއެވެ.
ހުކުރު ދުވަހު ދިން މި ހަމަލާގައި ގިނަ އަދަދެއްގެ ގެތަކަށް ގެއްލުން ލިބުނު ކަމަށް ރައްޔިތުން ބުނެފައިވެއެވެ. އަދި އިސްރާއީލުގެ ޓޭންކުތަކުން މަގުތަކާއި ގެތައް ހަލާކުކޮށްލި ކަމަށްވެސް ރައްޔިތުން ބުނެފައިވެއެވެ.
ހަމާސް ހިންގާ ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ ހަލާކުވެފައިވާ ޢިމާރާތްތަކުގެ ތެރޭގައި އަދިވެސް މީހުން ތިބިކަމަށް ޤަބޫލުކުރެވޭތީ، މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާއިން ބުނެފައިވެއެވެ.
ހުކުރު ދުވަހު އިސްރާއީލުން ދިން އެހެނިހެން ހަމަލާތަކުގައި މުޅި ޣައްޒާގައި މަދުވެގެން 39 ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މީގެ ތެރެއިން 20 މީހުން ޝަހީދުވެފައިވަނީ ޖަބާލިޔާގައެވެ.
މި ހަމަލާތަކާ ގުޅޭގޮތުން އިސްރާއީލުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ދެ ހަފްތާއިން ފެށިގެން ޖަބާލިޔާގައި ހަރަކާތްތެރިވަމުންދާ އެމީހުންގެ ބާރުތަކުން، ބުރާސްފަތި ދުވަހު ގިނަ އަދަދެއްގެ މިލިޓަންޓުން މަރާލައި، ވައިގެ ހަމަލާތައް ދީ، އަދި ސިފައިންގެ އިންފްރާސްޓްރަކްޗަރ ފަނާކޮށްލާފައިވާ ކަމަށެވެ.
މި ހަމަލާތައް ދެމުންދަނީ އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ފަށާފައިވާ ހަނގުރާމައިގެ ތެރެއިންނެވެ.



