ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ 70 އަށްވުރެ ގިނަ ފްލައިޓަކަށް ބޮމުގެ އިންޒާރު ދީފިއެވެ.
ސްރީލަންކާ އެއަރޕޯޓް އެންޑް އޭވިއޭޝަން ސަރވިސަސް އިން ވެސް ވަނީ އެ ޤައުމުގެ މައި އެއަރޕޯޓުގައި އޮތް އިންޑިއާގެ ވިސްޓާރާ ފްލައިޓަކަށް ލިބުނު ބޮމުގެ އިންޒާރު ސާފުކޮށްފައިވާކަމަށް ބުނެފައެވެ.
އިންޑިއާގެ އިކޮނޮމިކް ޓައިމްސް އިން ބުނެފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން އިންޑިއާގެ 70 އަށްވުރެ ގިނަ ފްލައިޓަކަށް ބޮމުގެ އިންޒާރު ވަނީ ލިބިފައެވެ. މީގެ ތެރޭގައި އެއަރ އިންޑިއާ، އިންޑިގޯ، އަކާސާ އެއަރ، ވިސްޓާރާ، ސްޕައިސްޖެޓް، ސްޓާރ އެއަރ އަދި އެލައަންސް އެއަރގެ ފްލައިޓްތައް ހިމެނެއެވެ.
އެ ނޫހުން ބުނެފައިވަނީ މި އިންޒާރުގެ ސަބަބުން ގިނަ ފްލައިޓްތަކަށް އަސަރު ކުރި ކަމަށާއި، އޮތޯރިޓީތަކާ ގުޅިގެން އެއަރލައިންތަކުން ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި މި އިންޒާރުތަކަކީ ދޮގު އިންޒާރުތަކެއް ކަމަށް އިޢުލާނުކޮށްފައިވާ ކަމަށެވެ.
ސްރީލަންކާ އެއަރޕޯޓް އެންޑް އޭވިއޭޝަން ސަރވިސަސްގެ އިސް އޮފިޝަލަކު ބުނެފައިވަނީ މުންބާއީން ކޮލޮމްބޯއަށް ދަތުރުކުރި ވިސްޓާރާ ފްލައިޓް ޔޫކޭ 131 (އޭ320 ނިއޯޯ) އަށް ލިބުނު ބޮމުގެ އިންޒާރާ ގުޅިގެން އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.



