އިސްރާއީލުގެ ނެސެޓް (ޕާލަމެންޓް) އިން ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީ (އުންރްވާ) އިސްރާއީލުގެ އެތެރޭގައި ހަރަކާތްތެރިވުމާއި، ހިފާފައިވާ ފަލަސްތީނު ސަރަހައްދުތަކުގައި މަސައްކަތްކުރުން މަނާކުރާ ދެ ގާނޫނެއް ފާސްކޮށްފިއެވެ. މި ގާނޫނުތައް ފާސްކޮށްފައިވަނީ ބައިނަލްއަގްވާމީ ފަރާތްތަކުން އެކަމާ ދެކޮޅުހެދި ނަމަވެސް، އެ ގޮވާލުންތަކަށް އަޅާނުލައެވެ.
މި ގާނޫނުތައް ފާސްކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާތަކަށްފަހު ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަ ފެށުމާ ގުޅިގެން އުންރްވާއަށް އަމާޒުކޮށް ދެމުންދާ އަސްކަރީ، މާލީ އަދި ޑިޕްލޮމެޓިކް ހަމަލާތަކުގެ ތެރެއިންނެވެ. މިހާރު މި ހަމަލާތައް ފެށިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވެއެވެ.
އުންރްވާ އަކީ 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އދ. އިން އުފެއްދި ސަބްސިޑަރީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ އުފައްދާފައިވަނީ އޭގެ ކުރީ އަހަރު އިސްރާއީލު ދައުލަތް އުފެދުމާ ގުޅިގެން ހިނގި އަރަބި-އިސްރާއީލު ހަނގުރާމައަށް ފަހު، ފަލަސްތީނު މީހުން “ނަކްބާ” ނުވަތަ “ކާރިސާ” ގެ ނަމުން ނަންދީފައިވާ ހާދިސާއާ ގުޅިގެންނެވެ.
އުންރްވާ އަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ އިތުރުން އުރުދުން، ސީރިއާ އަދި ލުބުނާނުގައި ވެސް ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގެ ކުރިން މި އެޖެންސީގައި ގާތްގަނޑަކަށް 30،000 މުވައްޒަފުން މަސައްކަތްކުރިއެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން ތިބީ ވަށާލާފައިވާ އެންކްލޭވްގައެވެ. މި މުވައްޒަފުންގެ ތެރޭގައި ގިނައީ ސްކޫލްތަކުގައި މަސައްކަތް ކުރާ ފަލަސްތީނު މީހުންނެވެ.
އިސްރާއީލުން ވަނީ މިހާތަނަށް ޣައްޒާގައި އެހީދޭ 205 މީހުން ޝަހީދުކޮށްލާފައެވެ.
މި ގާނޫނުތައް ފާސްކުރުމާ ގުޅިގެން އުންރްވާގެ މަސައްކަތްތަކަށް ކުރާނެ އަސަރާ ގުޅޭގޮތުން އަދި އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.



