ރަތް ކަނޑުގައި އެ ގައުމުގެ ޓުއަރ ބޯޓެއް ފެތުމާ ގުޅިގެން 17 މީހުން ވަނީ ގެއްލިފައިވާކަމަށް އެޤައުމުގެ އިސް އޮފިޝަލުން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުއެވެ.
އޮތޯރިޓީތަކުން ހޯމަ ދުވަހު ބުނި ގޮތުގައި މި ހާދިސާގައި ކަނޑުވި 28 މީހުން ވަނީ ސަލާމަތްކުރެވިފައެވެ. އަދި އެހެން މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ރަތް ކަނޑު ގަވަރނަރޭޓުގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި އުޅަނދުގައި އެކި ގައުމުތަކުގެ 31 ފަތުރުވެރިންނާއި 14 ފަޅުވެރިން ތިއްބެވެ. އަދި ހެނދުނު 5:30 ގައި އުޅަނދުން ޑިސްޓްރެސް ސިގްނަލް ފޮނުވިކަމަށް ބުނެފައިވެއެވެ.
“ސީ ސްޓޯރީ” ނަމަކަށް ކިޔާ މި ޑައިވިންގ ކްރޫޒް ޝިޕް މިސްރުގެ ދެކުނު އިރުމަތީގައި އޮންނަ ޕޯޓު ޣާލިބުން ފުރީ އާދީއްތަ ދުވަހުއެވެ. މިއީ ގިނަ ދުވަހުގެ ދަތުރެއް ކަމަށްވާއިރު، 200 ކިލޯމީޓަރު އުތުރުގައި އޮންނަ ހުރުޣާދާއަށް ހުކުރު ދުވަހު ވާސިލުވުމަށް ވަނީ ހަމަޖެހިފައެވެ.
ސަރަހައްދީ ގަވަރނަރު އަމްރު ހަނަފީގެ ބަޔާނެއްގައި ބުނެފައިވަނީ ނޭވީ އާއި ހަތިޔާރު އެޅި ބާރުތަކާ ގުޅިގެން ހޯދުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
ރަތް ކަނޑަކީ މިސްރުގެ މައިގަނޑު ފަތުރުވެރިކަމުގެ މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލެވެ. އަދި ކޮންމެ އަހަރަކު މިލިއަނުން ފަތުރުވެރިން މި ސަރަހައްދަށް ޒިޔާރަތްކުރެއެވެ.