ޖެރޫސަލަމުގެ އުތުރުގައިވާ ވެސްޓް ބޭންކުގެ ދެ ރަށަކަށް އިސްރާއީލުގެ އާންމުން ހަމަލާދިނުމާ ގުޅިގެން މަދުވެގެން 12 މީހަކަށް ފަރުވާދިން ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓުން ބުނެފިއެވެ. މި ހަމަލާތަކުގައި ފަލަސްތީނީންގެ ގެތަކާއި، ކުޑަކުދިންގެ ނާސަރީއަކާއި، ވިޔަފާރިއެއް އަންދާލާފައިވާ ކަމަށް ވެއެވެ.
ފަލަސްތީނު ނޫސް އޭޖެންސީ ވަފާއިން ރިޕޯޓުކުރާ ގޮތުގައި، ރޭގަނޑު ހިންގި މި އަނިޔާވެރި ޢަމަލުތަކުގައި އިސްރާއީލީ ސިފައިން އާންމުންނަށް އެހީތެރިވެދީފައިވެއެވެ. އަދި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން 90 ފަލަސްތީނީން ދޫކޮށްލުމަށްފަހު، ވެސްޓް ބޭންކުގައި ހިންގި އަސްކަރީ ރެއިޑްތަކުގައި އެތައް ބަޔަކު ހައްޔަރުކޮށްފައިވެއެވެ.
އާދީއްތަ ދުވަހު ހަނގުރާމަ ހުއްޓާލުމަށްފަހު، ދެކުނު ޣައްޒާގެ ރަފާ ސަރަހައްދުގައި އިސްރާއީލީ ސިފައިންގެ ވަޒަނުން މަދުވެގެން ތިން ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.
އދ. ގެ އިންސާނީ އެހީގެ ކަންކަން ވިލަރެސްކުރާ އޮފީހުން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ދުވަހު ކަމުގައިވާ ހޯމަ ދުވަހު 915 އެހީގެ ޓްރަކު ޣައްޒާއަށް ވަދެފައިވެއެވެ.
އޮކްޓޯބަރ 7، 2023 އިން ފެށިގެން އިސްރާއީލުން ގައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 47,035 ފަލަސްތީނުގެ ރައްޔިތުން މަރުވެ، 111,091 މީހުން ޒަޚަމްވެފައިވެއެވެ. އަދި އެ ދުވަހު ހަމާސްގެ އިސްނެގުމުގައި އިސްރާއީލަށް ދިން ހަމަލާތަކުގައި މަދުވެގެން 1,139 އިސްރާއީލީން މަރުވެ، 200 އަށްވުރެ ގިނަ މީހުން ރަހީނުކޮށްފައިވެއެވެ.