ޣައްޒާގެ އުތުރު ސަރަޙައްދަށް ފަލަސްތީނުގެ އެތައް ހާސް މީހުން އަނބުރާ ދަތުރުކުރަން ފަށައިފިއެވެ. މިއީ އިޒްރޭލުން އެ ސަރަޙައްދު ހުޅުވާލުމާ ގުޅިގެން، 15 މަސް ކުރިން އެ ސަރަޙައްދުން ފަލަސްތީނުގެ ރައްޔިތުން ނުކުތުމަށްފަހު، އަނބުރާ އެ ސަރަޙައްދަށް ވަދެވުނު ފުރަތަމަ ފަހަރެވެ.
އުފާވެރިކަމާއެކު ފަލަސްތީނުގެ ރައްޔިތުން، ކުޑަކުދިންނާއި ވީލްޗެއަރުގައި ތިބި މީހުން ހިމެނޭގޮތަށް، މުޅި ދުވަހު އަދި ރޭގަނޑުގެ ވަގުތުތަކުގައިވެސް ކަނޑު އައްސޭރި މަގުން ދަތުރުކުރަމުން ދިޔައެވެ. އެމީހުން ގެންދިޔައީ ނިދުމަށް ބޭނުންކުރާ ތަކެއްޗާއި، ފެންފުޅިތަކާއި އެހެނިހެން ތަކެއްޗެވެ. ހަތިޔާރު ހިފައިގެން ތިބި ހަމާސްގެ ފައިޓަރުން ވަނީ ނަޞްރުގެ ނިޝާން ދައްކާފައެވެ. މި މަންޒަރު ބަލަމުން ދިޔައީ ކައިރީގައިވާ ފަރުބަދައެއްގައި ތިބި އިޒްރޭލުގެ ޓޭންކުތަކުންނެވެ.
އދ. އިން ބުނާ ގޮތުގައި ހޯމަ ދުވަހުގެ ހެނދުނު 200،000 އަށްވުރެ ގިނަ މީހުން އުތުރަށް ދަތުރުކުރަމުންދާ މަންޒަރު ފެނިފައިވެއެވެ.
ނިކަމެތި ޙާލުގައި ޓެންޓު ކޭމްޕްތަކާއި ކުރީގެ ސްކޫލްތަކުގައި ދިރިއުޅެމުން އައި ފަލަސްތީނުގެ ރައްޔިތުން އަވަސްވެގަތީ އެމީހުންގެ ގެތަކަށް އެނބުރި ދިއުމަށެވެ. އެ ގެތައް ހަލާކުވެފައި ނުވަތަ ވީރާނާވެފައި ހުރިކަމުގައި ވިޔަސްމެއެވެ. ގިނަ މީހުން ބިރުގަތީ އިޒްރޭލުން އެމީހުން ދާއިމީކޮށް ތަންތަނުން ނެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ތިން ކުދިންގެ މަންމައެއް ކަމުގައިވާ ޔާސްމިން އަބޫ އަމްޝާ ބުނީ އޭނާގެ ހަލާކުވެފައިވާ ނަމަވެސް ދިރިއުޅެވޭވަރުގެ ގެއަށް ދިއުމަށް 6 ކިލޯމީޓަރު ހިނގާފައި ދިޔަ ކަމަށެވެ. އަދި އެއް އަހަރަށްވުރެ ގިނަ ދުވަހުގެ ފަހުން އޭނާގެ ކޮއްކޮ ދުށް ކަމަށެވެ. “އެއީ ދިގު ދަތުރެއް، އެކަމަކު އުފާވެރި ދަތުރެއް،” އޭނާ ބުންޏެވެ.