ލުބުނާނުގެ އިރުމަތީ ސަރަޙައްދުގައި އިސްރާއީލުން ދުއްވާލި ޑްރޯނަކުން ދިން ހަމަލާއެއްގައި 6 މީހުން މަރުވެ، 2 މީހުން ޒަޚަމްވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ އިސްރާއީލާއި ހިޒްބުﷲ އާއި ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ހަނގުރާމަ ހުއްޓިފައިވަނިކޮށެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ އިއްޔެ ލެބަނަންގެ އިރުމަތީ ބެކާ ސަރަޙައްދުގެ ޖެންނާތާ ރަށާ ކައިރީގައިވާ ޝައާރާ ސަރަޙައްދަށެވެ.
އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާ ދީފައިވަނީ ހިޒްބުﷲގެ މީހުން ތިބި، “މުހިންމު ހަތިޔާރު އުފައްދާ ރައްކާކުރާ” ތަނަކަށް ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކަކީ އިސްރާއީލާއި ލުބުނާނާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ.
ނޮވެމްބަރު 27 ގައި ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހުވެސް، އިސްރާއީލުން ވަނީ ހިޒްބުﷲގެ ތަންތަން ކަމަށް ބުނެ އެކި ސަރަޙައްދުތަކަށް ހަމަލާ ދީފައެވެ. މި އެއްބަސްވުމުގެ ދަށުން 60 ދުވަހުގެ މުއްދަތެއް ދީފައިވީ ނަމަވެސް، އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނުން އެ ޤައުމުގެ ސިފައިން އަނބުރާ ގެންދިއުން ލަސްކޮށްފައެވެ.
ހިޒްބުﷲގެ އޮފިޝަލެއް ކަމަށްވާ އިބްރާހީމް މުސާވީ ވަނީ މި ހަމަލާ ކުށްވެރިކޮށް، މިއީ “ވަރަށް ނުރައްކާތެރި ޚިލާފުވުމެއް އަދި ސީދާ އަދި ސާފު އުދުވާނެއް” ކަމަށް ބުނެފައެވެ. އަދި އިސްރާއީލުން ދެމުންދާ މިފަދަ ހަމަލާތައް ހުއްޓުވުމަށް ލުބުނާނުގެ ސަރުކާރަށް ގޮވާލާފައިވެއެވެ.



