ހަރިޔާނާގެ ރޯތަކް ސަރަހައްދުގެ ބަސް ސްޓޭންޑް ކައިރިން ކޮންގްރެސް ޕާޓީގެ މެންބަރެއްގެ ހަށިގަނޑު ސޫޓްކޭހެއްގެ ތެރެއިން ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނު 22 އަހަރުގެ ހިމާނީ ނަރުވާލަކީ ކޮންގްރެސް ޕާޓީގެ އެމްޕީ ރާހުލް ގާންދީގެ ބާރަތް ޖޯޑޯ ޔާތުރާގައި ބައިވެރިވެފައިވާ މެންބަރެކެވެ.
މި ހާދިސާ ހިނގާފައިވަނީ ހަރިޔާނާގެ 33 ކައުންސިލެއްގެ އިންތިޚާބު ބޭއްވުމުގެ އެއް ދުވަސް ކުރިންނެވެ. ސަމްޕްލާ ބަސް ސްޓޭންޑް ކައިރިން ފެނުނު ސޫޓްކޭހުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ސަރަހައްދުން ދަތުރުކުރި ފަރާތްތަކުންނެވެ. ފުލުހުންނާއި ފޮރެންސިކް ޓީމު ސަރަހައްދަށް ދިޔުމުން ސޫޓްކޭހުގެ ތެރެއިން ނަރުވާލްގެ ހަށިގަނޑު ފެނުނެވެ.
ފުލުހުން ބުނާ ގޮތުގައި ނަރުވާލްގެ ކަރުގައި ދުޕައްޓާއެއް އޮތެވެ. އަދި އޭނާގެ އަތުގައި ހިނާ އަޅާފައި ހުއްޓެވެ. ރޯތަކްގެ ވިޖޭ ނަގަރު ސަރަހައްދުގެ ރަށްވެއްސެއް ކަމަށްވާ ނަރުވާލް މަރާލާފައިވަނީ ދުޕައްޓާއިން ކަރުގައި ދޯޕައްޓާ އޮޅައި ހާސްކޮށްލައިގެން ކަމަށް ފުލުހުން ޝައްކުކުރެއެވެ.
މި މައްސަލައާ ގުޅިގެން ކޮންގްރެސް ޕާޓީން ވަނީ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ. ނަރުވާލް ވަނީ ކުރީގެ ޗީފް މިނިސްޓަރ ބުޕިންދަރ ސިންގް ހޫޑާގެ ދަރިފުޅު އަދި ކޮންގްރެސް އެމްޕީ ދީޕެންދަރ ސިންގް ހޫޑާ އާއި ޕާޓީގެ އެމްއެލްއޭ ބީބީ ބަޓްރާ އާއެކު ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފައެވެ.
މި މައްސަލައިގައި އެސްއައިޓީ ތަހުގީގެއް ހިންގުމަށް ބަޓްރާ ވަނީ ގޮވާލާފައެވެ. އަދި ހަރިޔާނާގެ ގާނޫނީ ހާލަތާމެދު ސުވާލު އުފައްދާ، މައްސަލާގައި ހިމެނޭ ފަރާތްތައް އަވަހަށް ހައްޔަރުކުރުމަށް ކޮންގްރެސް އެމްޕީ ދީޕެންދަރ ސިންގް ހޫޑާ ވަނީ ގޮވާލާފައެވެ.



