އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ޔަމަނަށް އަމާޒުކޮށް ދިން ހަތަރުވަނަ ވައިގެ ހަމަލާ، އެ ގައުމުގެ ވެރިރަށް ސަނާގެ އަލް-ޖައްރާފް ސަރަހައްދަށް އަމާޒުކޮށް ދީފައިވާކަމަށް ރޮއިޓަރސް ނޫސް އޭޖެންސީއިން ބުނެފިއެވެ.
މި ހަމަލާގައި ސަނާގެ އަލް-ތައުރާ ސަރަހައްދުގެ ރިހާއިޝީ އަވަށެއްގައި އިމާރާތްކުރަމުންދިޔަ ހޯލަކަށްވެސް ހަމަލާ ދީފައިވާ ކަމަށާއި، ހަމަލާގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 9 މީހުން ޒަޚަމްވެފައިވާ ކަމަށް ޔަމަނުގެ ސިއްހީ ވުޒާރާގެ ތަރުޖަމާނު އެކްސްގައި ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، ޔަމަނުގެ ދެކުނުގައި އޮންނަ އަލް-ސުވައިދިއްޔާ ސަރަހައްދަށްވެސް ހަމަލާ ދީފައިވާކަމަށް އެ ގައުމުގެ ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި ހަމަލާތައް ދިން ދުވަހުގެ ކުރީ ދުވަހު، ހޫތީންގެ ފަރާތުން ވަނީ އިސްރާއީލަށް ބެލިސްޓިކް މިސައިލެއް ދޫކޮށްލާފައިވާ ކަމަށާއި، ގައްޒާއަށް އިސްރާއީލުން ދޭ ހަމަލާތަކުގެ ބަދަލުގައި، ކުރިއަށް އޮތް ދުވަސްތަކުގައި އިސްރާއީލުގެ އިތުރު ސަރަހައްދުތަކަކަށް ހަމަލާ ދޭނެ ކަމަށް ބުނެފައެވެ.



