އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ މައިސޫރުގައި، އަނބިމީހާ މަރާލިކަމުގެ ދަޢުވާގައި އެއް އަހަރާއި ހަ މަސް ދުވަހު ޖަލުގައި ހޭދަކުރި މީހެއްގެ އަނބިމީހާ ދިރިހުރިކަން ކޯޓަށް ހާޒިރުވުމުން ހާމަވެއްޖެއެވެ.
މި މައްސަލައިގައި ފުލުހުންގެ އިހުމާލު ވަރަށް ބޮޑުކަމަށް ފާހަގަކޮށް، ކޯޓުން ވަނީ އޭޕްރިލް 17 ގެ ކުރިން މި މައްސަލައިގެ ފުރިހަމަ ރިޕޯޓެއް ހުށަހެޅުމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއަށް އަމުރުކޮށްފައެވެ. މި މައްސަލައިގައި ސުރޭޝް (38) ވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާގެ އަނބިމީހާ މަލިގޭ ގެއްލިފައިވާކަމަށް ބުނެ ފުލުހުންގައި ރިޕޯޓުކޮށްފައެވެ.
އޭގެ ފަހުން ފުލުހުންނަށް ބެއްޓަދަރަޕުރާއިން އަންހެނެއްގެ ހަށިގަނޑުގެ ކަށިތަކެއް ފެނުނެވެ. އަދި އެއީ މަލިގޭގެ ހަށިގަނޑުކަމަށް ބުނެ ސުރޭޝް އޭނާ މަރާލިކަމަށް ތުހުމަތުކޮށް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އޭގެ ފަހުން ސުރޭޝް ވަނީ ޖަލަށް ލެވިފައެވެ.
ނަމަވެސް އޭޕްރިލް 1 ވަނަ ދުވަހު މަލިގޭ މަޑިކޭރީގައި އެހެން ފިރިހެނަކާއެކު ހުއްޓާ ސުރޭޝްގެ ރައްޓެއްސަކަށް ފެނުނެވެ. މި މައްސަލަ ކޯޓަށް ހުށަހެޅުމުން، މަލިގޭ ކޯޓަށް ހާޒިރުކުރެވުނެވެ. ކޯޓުގައި މަލިގޭ އިޢުތިރާފުވި ގޮތުގައި އޭނާ ވަނީ އެހެން ފިރިހެނަކާއެކު ފިލައިގެން ގޮސް އެމީހާއާ ކައިވެނިކޮށްފައެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ޑީއެންއޭ ޓެސްޓުގެ ނަތީޖާ ނުބަލައި، އަދި ހެކިންގެ ބަޔާންތަކުގައި މަލިގޭ ދިރިހުރިކަމަށް ބުނެފައި ވަނިކޮށްވެސް ސުރޭޝްގެ މައްޗަށް ދަޢުވާ އުފުލާފައެވެ. މިކަމާ ގުޅިގެން ކޯޓުން ވަނީ ފުލުހުންގެ ތަޙުޤީޤަށް ސުވާލު އުފައްދާފައެވެ.



