އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ހާޒިރުގައި، އެމެރިކާއިން އިރާނާއެކު މަތީ ފެންވަރުގެ ސީދާ މަޝްވަރާތަކެއް ފަށާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކޮށްފިއެވެ. މި އިޢުލާނު ކުރެއްވީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ މުހާތަބު ކުރަމުންނެވެ.
“އަޅުގަނޑުމެން އިރާނާއެކު ސީދާ މަޝްވަރާތައް ކުރިއަށް ގެންދާނަން. ހޮނިހިރު ދުވަހު ވަރަށް މުހިންމު ބައްދަލުވުމެއް އޮންނާނެ،” ޓްރަމްޕް ބުންޏެވެ. އަދި ހަނގުރާމައިގެ މަގަށް ދިއުމުގެ ބަދަލުގައި އެއްބަސްވުމަކަށް އާދެވުން މާ ރަނގަޅުވާނެ ކަމަށް އެންމެން ވެސް ޤަބޫލުކުރާކަމަށް ޓްރަމްޕް ބުނެފައިވެއެވެ.
އިރާނުގެ ނިއުކްލިއަރ ފެސިލިޓީތަކާ ދެކޮޅަށް އަސްކަރީ ޢަމަލިއްޔާތުތައް ހިންގުމަށް ގޮވާލާފައިވާ ނެތަންޔާހޫ ވަނީ އިރާނަށް ނިއުކްލިއަރ ހަތިޔާރު ނުލިބޭނެކަން ކަށަވަރުކުރުމުގެ ލަނޑުދަނޑިއަށް އިސްރާއީލާއި އެމެރިކާ އެއްބަސްވާ ކަމަށް ބުނެފައެވެ.
“ލިބިޔާގައި ކަންވީ ގޮތަށް ޑިޕްލޮމެޓިކް ގޮތުން މިކަން ހައްލުކުރެވޭނެ ނަމަ، އެއީ ރަނގަޅު ކަމެއް،” ނަތަންޔާހޫ ބުނެފައިވެއެވެ.
2015 ވަނަ އަހަރު އޯބާމާ ސަރުކާރުގެ ދައުރުގައި އިރާނާއެކު ވެވުނު ނިއުކްލިއަރ އެއްބަސްވުމުން (ޖޭސީޕީއޯއޭ) 2018 ގައި ޓްރަމްޕް ވަކިވުމަށްފަހު، މިހާރު އަމިއްލަ އެއްބަސްވުމަކަށް ވާސިލުވުމަށް މަސައްކަތްކުރާ ކަމަށް ބެލެވެއެވެ. ނަމަވެސް، އިރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލާ ގުޅުންހުރި ނޫރު ނިއުސްއިން ބުނެފައިވަނީ ޓްރަމްޕްގެ ބަޔާނަކީ ސައިކޮލޮޖިކަލް އޮޕަރޭޝަނެއްގެ ގޮތުގައެވެ.
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ހާލަތާއި، ހޫތީންނަށް އިރާނުން ދެމުންދާ އެހީތެރިކަމަކީވެސް މި މަޝްވަރާތައް ފެށުމަށް މަގުފަހިކޮށްދިން ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ފާހަގަކުރެއެވެ.



