މިއަހަރުގެ ޙައްޖު މޫސުމާ ދިމާކޮށް، އިންޑިއާ، ޕާކިސްތާން އަދި އިންޑޮނޭޝިއާ ހިމެނޭ ގޮތަށް 14 ގައުމަކަށް ކުރުމުއްދަތުގެ ވިސާ ދޫކުރުން ސަޢޫދީ ޢަރަބިއްޔާއިން ވަގުތީގޮތުން ހުއްޓާލަން ނިންމައިފިއެވެ. މި ބަދަލަށް ޢަމަލުކުރަން ފަށާނީ އޭޕްރިލް 13 ވަނަ ދުވަހުން ފެށިގެންނެވެ.
ގަލްފް ނިއުސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި ހުއްޓާލުން އަމާޒުވަނީ ވިޔަފާރި ވިސާ (ސިންގަލް އަދި މަލްޓިޕަލް އެންޓްރީ)، އީ-ޓޫރިސްޓް ވިސާ އަދި ފެމިލީ ވިސިޓް ވިސާއަށެވެ. މީގެ އިތުރުން ޔަމަން، ޓިއުނީޝިއާ، މޮރޮކޯ، ޖޯޑަން، ނައިޖީރިއާ، އަލްޖީރިއާ، އިރާޤު، ސޫދާން، ބަންގްލަދޭޝް އަދި ލީބިޔާވެސް މި ހުއްޓާލުމުގެ ތެރޭގައި ހިމެނެއެވެ.
މިހާރު ވިސާ އޮތް ފަރާތްތަކަށް އޭޕްރިލް 13 ގެ ނިޔަލަށް ސަޢޫދީ ޢަރަބިއްޔާއަށް ވަދެވޭނެ ނަމަވެސް، އޭޕްރިލް 29 ގެ ކުރިން ފުރަންޖެހޭނެއެވެ.
މި ނިންމުން ނިންމާފައިވަނީ ފާއިތުވި އަހަރުގެ ޙައްޖު މޫސުމުގައި ދިމާވި ޙާދިސާތަކާ ގުޅިގެންނެވެ. އޭރު ގިނަ ޢަދަދެއްގެ ޙައްޖާޖީން ޙައްޖު ވިސާ ނޫން އެހެން ވިސާތައް ބޭނުންކޮށްގެން ވަދެ، ހޫނުގަދަވުމާއެކު 1,200 އަށްވުރެ ގިނަ ހައްޖާޖީން ނިޔާވެފައިވެއެވެ.
މި އައު ފިޔަވަޅުތަކުގެ މަޤްޞަދަކީ ޙައްޖު މޫސުމުގައި ރައްކާތެރިކަމާއި ވިލަރެސްކުރުން ރަނގަޅުކުރުން ކަމަށް ސަޢޫދީ އޮތޯރިޓީތަކުން ބުނެފައިވެއެވެ.
އިޖިޕްޓުގެ ޗެމްބަރ އޮފް ޓޫރިޒަމް ކޮމްޕެނީޒްގެ ބަސީލް އަލް-ސީސީ ޓެލެވިޜަން އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި މި ހުއްޓުވުން އަމާޒުކޮށްފައިވަނީ ފާއިތުވި އަހަރުގެ ކާރިސާގައި ހިމެނުނު ގައުމުތަކަށެވެ. މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާއިން ވަނީ ޢުމްރާ ވިސާގެ އުސޫލުތަކަށްވެސް ބަދަލުގެނެސްފައެވެ. އައު އުސޫލުގެ ދަށުން ވިސާ ދޫކުރެވޭނީ ޛުލްޙިއްޖާ 14 އިން ޝައްވާލް 1 އަށެވެ. އަދި ހައްޖާޖީންނަށް ވަދެވޭނީ ޛުލްޙިއްޖާ 14 އިން ޝައްވާލް 15 އަށް ކަމަށާއި، ޛުލްޤަޢިދާ 1 ގެ ކުރިން ފުރަންޖެހޭނެ ކަމަށް އިޢުލާނުކޮށްފައިވެއެވެ.



