މިއަންމާގައި ދާދިފަހުން ކުރިމަތިވި ރިކްޓަރ ސްކޭލްގެ 7.7 ގެ ވަރުގަދަ ބިންހެލުމުގެ ސަބަބުން ގެއްލުން ލިބުނު އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް އެހީތެރިވުމަށްޓަކައި 275 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް އެދި އދ އިން ހުކުރު ދުވަހު ގޮވާލައިފިއެވެ.
އދ އިން ނެރުނު އާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއަންމާގެ 5.5 މިލިއަން ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރިން އަންދާޒާކޮށްފައިވާ 1.1 ބިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ އަންދާޒާކުރި އަދަދުގެ 5 އިންސައްތައެވެ.
އދ އިން ބުނާ ގޮތުގައި މާރިޗު 28 ގައި ކުރިމަތިވި ބިންހެލުމުގެ ސަބަބުން 3،600 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގައި 6.3 މިލިއަނަށްވުރެ ގިނަ މީހުންނަށް ކުއްލި އެހީ ބޭނުންވެފައިވެއެވެ.
މި އާ އެޕީލްގެ ދަށުން އެންމެ ނާޒުކު ހާލަތުގައިވާ 1.1 މިލިއަން މީހުންނަށް އަމާޒުކޮށް އެހީ ފޯރުކޮށްދޭން ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ޚާއްޞަކޮށް އަންހެނުންނާއި އަންހެން ކުދިން ހިމެނެއެވެ. އެއީ އެފަރާތްތަކަކީ ޖިންސީ އަނިޔާ އާއި ކާބޯތަކެތީގެ ރައްކާތެރިކަން ނެތުމާއި ރިޕްރޮޑަކްޓިވް ހެލްތު ޚިދުމަތްތައް ނުލިބުމުގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ފަރާތްތައް ކަމަށްވާތީއެވެ.



