2026 ވަނަ އަހަރުން ފެށިގެން ޙައްޖު މޫސުން ދިމާވާނީ ފިނި މޫސުމަށް ކަމަށް ސަޢޫދީ ޢަރަބިއްޔާއިން އިޢުލާނުކޮށްފިއެވެ. މިއީ ހިޖުރީ ކަލަންޑަރުގައި އަހަރަކު ގާތްގަނޑަކަށް 10 ދުވަހުގެ ބަދަލު އަންނާތީ ވާ ކަމެކެވެ.
ސައުދީއިން ހާމަކުރިގޮތުގައި 2026 އިން 2033 އަށް ޙައްޖު މޫސުން އޮންނާނީ މަޑު ހޫނު (ސަމާ) މޫސުމުގައެވެ. އަދި 2034 އިން 2041 އަށް ގަދަ ފިނި (ވިންޓަރ) މޫސުމުގައި ޙައްޖު އޮންނާނެއެވެ. ޙައްޖު މޫސުން އަނބުރާ ހޫނު މޫސުމަށް އަންނާނީ 2042 ގައެވެ. މި ބަދަލާއެކު، ފާއިތުވި އަހަރުތަކުގައި ގިނަ ޙައްޖުވެރިން ކުރިމަތިލާންޖެހުނު ގަދަ ހޫނުން ސަލާމަތްވެގެންދާނެއެވެ.
2024 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި މައްކާގެ ހޫނުމިން 46 އިން 51 ޑިގްރީ ސެލްސިއަސްއަށް އަރާފައިވެއެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ދުވަހެއްގެ މައްޗަށް 2،700 އަށްވުރެ ގިނަ މީހުންނަށް ހޫނުގެ އަސަރުކޮށް، އަދި ބައެއް މީހުން ނިޔާވެފައިވެއެވެ.
އިތުރަށް ހޫނުވަމުންދާ މޫސުމާ ގުޅިގެން، ސަޢޫދީ އަރަބިއްޔާއިން ވަނީ ޙައްޖުވެރިން ރައްކާތެރިކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ހިޔާކުރެވިފައިވާ ހިނގާ މަގުތައް، އިތުރު ފެން ފޯރުކޮށްދޭ އިސްކުރު ބަރިތައް، ހިނގާ މަގުތަކުގައި ފިނިކުރާ ޔުނިޓްތައް އަދި ހޫނުން ރައްކާތެރިވުމަށް ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ހިމެނެއެވެ.
2025 ވަނަ އަހަރުގެ ޙައްޖަށް 1.8 މިލިއަނަށްވުރެ ގިނަ ޙައްޖުވެރިން ދާނެކަމަށް ލަފާކުރެވެއެވެ. މިއީ ހޫނު މޫސުމުގައި އެންމެ ފަހުން އޮންނާނެ ޙައްޖު މޫސުން ކަމަށްވާތީ، މިކަމަށް ތައްޔާރުވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ސަޢޫދީ އޮފިޝަލުން މަޢުލޫމާތު ދެއެވެ.