އިސްރާއީލުން އަމާޒުކޮށް ދިން ހަމަލާއެއްގައި ޣައްޒާގައި ހުންނަ ކުވެއިތު ފީލްޑް ހޮސްޕިޓަލުގެ އުތުރު ދޮރާށީގައި މެޑިކަލް މުވައްޒަފަކު ޝަހީދުވެ، އިތުރު 9 މީހުންނަށް އަނިޔާވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ އެތައް ހާސް ފަލަސްތީނުގެ ރައްޔިތުން ހިމާޔަތަށް އެދި ޓެންޓު ކޭމްޕްތަކުގައި ދިރިއުޅެމުންދާ މުވާސީ ސަރަހައްދުގައި ހުންނަ ހޮސްޕިޓަލަށެވެ.
18 މަސްދުވަސް ވެގެން މިދާ ހަނގުރާމައިގައި އިސްރާއީލުން ވަނީ ގިނަ ހޮސްޕިޓަލްތަކަކަށް ހަމަލާދީ، އެތަންތަން ހަލާކުކޮށްފައެވެ. އިސްރާއީލުން ބުނާ ގޮތުގައި ހަމާސްގެ ހަނގުރާމަވެރިން ހޮސްޕިޓަލްތައް ބޭނުންކުރަނީ އަސްކަރީ ބޭނުންތަކަށެވެ. ނަމަވެސް މިކަން ހޮސްޕިޓަލްތަކުން ދަނީ ދޮގުކުރަމުންނެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން އާންމުކުރި އައު ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 51،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވެއެވެ. ހުދުނައިގެ މުއްދަތު ހަމަވުމަށްފަހު، އިސްރާއީލުން ވަނީ ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ތަކެތި އަދި އެހެނިހެން އެހީ ޣައްޒާއަށް ވަނުން މަނާކޮށްފައެވެ.